Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދަވީއްލުމުގެ އަދަބުތައް

بِاسْمِ اللهِ، وَالْحَمْدُ لِلَّهِ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُوْلِ اللهِ. أَمَّا بَعْد:

ސަހްލު ބުނު ސަޢްދު رضي اللهُ عنه ގެ ކިބައިން ރިވާވެފައި ވެއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ؛

«لا يزالُ الناسُ بخيرٍ ما عجَّلوا الفِطر» متفق عليه.

މާނައީ: “ރޯދަވީއްލުން އަވަސްކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުން ފިލައި ނުދާނެއެވެ.”

މި ޙަދީޘަކީ ރޯދައިގެ އަދަބުތަކުގެ ތެރެއިން އަދަބެއް ބަޔާންކުރާ ޙަދީޘެކެވެ. އެއީ ރޯދަ ވީއްލުން އަވަސްކޮށް، ވަޤުތު ޖެހުމާ އެކު އެ ކަމަށް އަވަސްވުމެވެ. ރޯދަވީއްލުން އަވަސްކުރުމުގެ މާނައަކީ އިރުއޮއްސުމާ އެކު އަވަހަށް ރޯދަވީއްލުމެވެ. އަދި މިއީ ވަރަށް ބޮޑު ހެޔޮކަމެކެވެ. އަދި ނަބިއްޔާ ގެ ހިދާޔަތަށް ތަބަޢަވެ އެކަލޭގެފާނުގެ ސުންނަތަށް ޢަމަލުކުރުން ވެސް މީގައި ވެއެވެ. އެކަލޭގެފާނު -صلوات الله وسلامه عليه– ރޯދަވީއްލުން އަވަސްކުރައްވައި އުޅުއްވިއެވެ.

ޢަބްދުﷲ ބުނު އަބޫ އައުފާ رضي اللهُ عنه ވިދާޅުވިއެވެ: ތިމަންބޭކަލުން ރަސޫލާ ﷺ އާ އެކު ދަތުރެއްގެ މަތީގައި ވީމެވެ. -އެކަލޭގެފާނު ހުންނެވީ ރޯދައަށެވެ.- އިރުއޮއްސުމާ އެކު ޙަދީޘްކުރެއްވިއެވެ:

«انزلْ فاجْدَحْ لنا»

މާނައީ: “(ރޯދަވީއްލުމަށް) ފައިބައި ހިމުން ގޮދަންފުށް ފެނާ އެއްކުރައްވާށެވެ.”

އެބޭކަލުން ވިދާޅުވިއެވެ: ގެ ރަސޫލާއެވެ! އަދި މަޑުކޮށްލައްވާށެވެ! އަނެއްކާ ވެސް ޙަދީޘްކުރެއްވިއެވެ؛

«انزلْ فاجْدَحْ لنا»

މާނައީ: “(ރޯދަވީއްލުމަށް) ފައިބައި ހިމުން ގޮދަންފުށް ފެނާ އެއްކުރައްވާށެވެ.” އެބޭކަލުން ވިދާޅުވިއެވެ: އަދި މިއީ ދުވާލެވެ. އަނެއްކާ ވެސް ޙަދީޘްކުރެއްވިއެވެ:

«انزلْ فاجْدَحْ لنا»

މާނައީ: “(ރޯދަވީއްލުމަށް) ފައިބައި ހިމުން ގޮދަންފުށް ފެނާ އެއްކުރައްވާށެވެ.” ދެން އެބޭކަލުން ފައިބައިވަޑައިގެން އެ ފަދައިން ހައްދަވައިދެއްވިއެވެ. ނަބިއްޔާ މި ބުއިން ހިއްޕެވުމަށް ފަހު ޙަދީޘްކުރެއްވިއެވެ:

«إذا رأيتم الليل قد أقبل من ها هنا، أفطر الصائم»

މާނައީ: “މި ދިމާލުން އިރު އޮއްސުމާ އެކު ރޯދަވެރިޔާ ރޯދަވީއްލަންވީ އެވެ.”

ރޯދަވީއްލުން އަވަސްކުރުމަކީ ނަބީބޭކަލުންގެ އަޚްލާޤެކެވެ.

އަބުއްދަރްދާއު رضي اللهُ عنه ވިދާޅުވިއެވެ: “ތިން ކަމެއް ވަނީ ނަބީކަމުގެ އަޚްލާޤުގެ ތެރެއިންނެވެ: އެއީ ރޯދަވީއްލުން އަވަސްކުރުމާއި، ހާރުކެއުން ލަސްކުރުމާއި، ނަމާދުގައި ކަނާއަތް ވާއަތުގެ މަތީގައި ބޭއްވުމެވެ.”

ރޯދަވީއްލުން އަވަސްކުރުމަކީ މީސްތަކުންނަށް ވާ ފަސޭހައެކެވެ. އަދި ދީންވެރިވުމުގައި ހައްދުފަހަނައަޅައިދިއުމާ ދުރުކަމެކެވެ. އެންމެ ހެޔޮ ޤަރުނުގެ ބޭކަލުން -ރަސޫލާ ގެ ޞަޙާބީބޭކަލުން- ވަނީ ރިވެތިގޮތުގައި މި ނަމޫނާގައި ހިފާފައެވެ.

އިމާމު ބުޚާރީ ވިދާޅުވިއެވ؛: “އިރުގެ ދޯދިތައް ގެއްލި (އިރުއޮއްސުމާ އެކު) އަބޫ ސަޢީދު އަލްޚުދްރީ رضي اللهُ عنه ރޯދަ ވީއްލެއްވިއެވެ.”

ޢަމްރު ބުނު މައިމޫނު އަލްއައުދީ ވިދާޅުވިއެވެ: “ރޯދަވީއްލުމުގައި އެންމެ އަވަސް އަދި ހާރުކެއުމުގައި އެންމެ ލަސް ބޭކަލުންތަކެއްކަމުގައި މުޙައްމަދު ގެ ޞަޙާބީބޭކަލުން ވެވަޑައިގެންނެވިއެވެ.”

ރޯދަވެރިޔާ ރޯދަވީއްލުމުގެ ވަޤުތާއި، ދުޢާ އިޖާބަކުރެވޭ ވަޤުތުތަކުގެ ބޭނުން ހިފަންޖެހެއެވެ. އަދި މި ވަޤުތުތަކުގައި ހެޔޮކަމުގެ ތެރެއިން އެ މީހަކު ލޯބިވާ ކަމަކަށް ދުޢާކުރަންޖެހެއެވެ. އަބޫ ހުރައިރާ رضي اللهُ عنه ގެ ކިބައިން ރިވާވެފައި ވެއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ؛

«ثلاثة لا تُرد دعوتهم: الإمام العادل، والصائم حين يفطر، ودعوة المظلوم»

މާނައީ: “ތިން މީހެއްގެ ދުޢާ (އިޖާބަނުކުރައްވައި) ރައްދު ނުކުރެވޭނެއެވެ. އެއީ ޢަދުލުވެރި ވެރިމީހާއާއި، ރޯދަވެރިޔާ ރޯދަވީއްލާ ވަޤުތުގައާއި އަދި އަނިޔާލިބިފައި ވާ މީހާގެ ދުޢާއެވެ.”

ޢަބްދުﷲ ބުނު ޢަމްރު ބުނު އަލްޢާޞް رضي اللهُ عنه ގެ ކިބައިން ރިވާވެފައި ވެއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ.

«إن للصائم عند فطره لدعوة ما تُرد»

މާނައީ: “ހަމަކަށަވަރުން (އިޖާބަނުކުރައްވައި) ރައްދުނުކުރެވޭނޭ ދުޢާއެއް ރޯދަވީއްލާ ވަޤުތުގައި ރޯދަވެރިޔާއަށް ލިބިގެން ވެއެވެ.”

އިބްނު އަބޫ މުލައިކާ ވިދާޅުވިއެވެ: ޢަބްދު ބުނު ޢަމްރު ރޯދަވީއްލެއްވުމަށް ފަހު، މި ފަދައިން ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

«اللهم إني أسألك برحمتك ـ التي وسعت كلَّ شيءٍ ـ أن تغفر لي»

މާނައީ: “ޔާ ! އިބަ އިލާހުގެ ތަނަވަސް ރަޙުމަތް މެދުވެރިކޮށް މި އަޅާއަށް ފާފަފުއްސަވައިދެއްވުން އެދި ދަންނަވަމެވެ.”

ރޯދަ ވީއްލުމަށް ފަހު، އަންނިވި ދުޢާ ކިޔުމަކީ ވެސް މުސްތަޙައްބު ކަމެކެވެ. ޢަބްދުﷲ ބުނު ޢުމަރު رضي اللهُ عنه ވިދާޅުވިއެވެ: “ނަބިއްޔާ ރޯދަވީއްލަވައިފި ނަމަ، މި ފަދައިން ވިދާޅުވެއެވެ؛

«ذهب الظمأ، وابتلَّت العروق، وثبت الأجر إن شاء الله»

މާނައީ: “ކަރުހިއްކުން ފިލައިފިއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ އަޖުރު ޘާބިތުވެއްޖެއެވެ.” والله أعلم.

اللَّهُمَّ ارْزُقْنَا عِلْمًا نَافِعًا، وَعَمَلًا مُتَقَبَّلًا، وَرِزْقًا طَيِّبًا، اللَّهُمَّ أَجِبْ دُعَاءَنَا، وَحَقِّقْ رَجَاءَنَا، وَاغْفِرِ اللَّهُمَّ لَنَا وَلِوَالِدِينَا وَلِجَمِيعِ الْمُسْلِمِينَ.

ޔާ ﷲ! އަޅަމެންނަށް ފައިދާކުރަނިވި ޢިލްމަކާއި، ޤަބޫލުވެގެންވާ ޢަމަލަކާއި، ޙަލާލު ރަނގަޅު ރިޒުޤެއް ދެއްވާނދޭވެ! ޔާ ! އަޅަމެންގެ ދުޢާ އިޖާބަކުރައްވައި، އަޅަމެންގެ އެދުންތައް ފުއްދަވާދެއްވާނދޭވެ! ޔާ ! އަޅަމެންނަށާއި، އަޅަމެންގެ މައިންބަފައިންނަށާއި، އެންމެހާ މުސްލިމުތަކުންނަށް ފާފަފުއްސަވާނދޭވެ! އާމީން.

މަސްދަރު: އިލްމު.އެމްވީ