Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ސައީދުގެ އިސްތިއުނާފް "ތާށިވެފައި" އޮތުމަކީ ކަންބޮޑުވުމެއް

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް "ތާށިވެފައި" އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުން އޭނަ އަށް ޖަލު ހުކުމެއް އިއްވީ މިދިޔަ ސެޕްޓެންބަރު މަހުގެ 28 ގަ އެވެ. އެ ހުކުމް އިސްތިއުނާފު ކުރަން ސައީދު ފަރާތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅި މައްސަލަ ހައި ކޯޓުގައި ވަނީ ރަޖިސްޓަރީ ކޮށްފަ އެވެ.

ސިއްހީ ހާލަތު ހުރިގޮތުގެ ސަބަބުން ސައީދު މިވަގުތު ގޭ ބަންދުގައި ހުންނެވިއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސައީދުގެ އިސްތިއުނާފް "ތާށިވެފައި" އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިސްތިއުނާފްގެ ހައްގަށް ހުރަސްއެޅިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެފައި ވަނީ، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި، އެއްވެސް މަސައްކަތެއް ނުކުރަނީސް ފައިސާ ދޫކުރި މައްސަލައިގަ އެވެ. ދައުލަތުން އޭނަ އާއި ފެނަކައިގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ދައުވާ އުފުލީ 2018 ގައި ހިންގި މުއާމަލާތަކާ ގުޅިގެންނެވެ.

ސައީދުގެ މައްސަލަ ނިމި ހުކުމް އިއްވި ނަމަވެސް، ދީނާގެ މައްސަލަ އޮތީ ކޯޓްގައި މަޑުޖެހިފަ އެވެ.