އިޒްރޭލުން އިރާނުގެ ދެކުނުގެ ސަރަހައްދެއްގައި ހުރި ސްކޫލަކަށް ދިން ހަމަލާއެއްގައި 50 އަށް ވުރެ ގިނަ ކުދިން މަރުވެއްޖެ އެވެ.
އިރާނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަންހެނުން ކުދިންނަށް ހާއްސަ އެލެމެންޓްރީ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާގައި، މިހާތަނަށް 51 ކުދިން ވަނީ މަރުވެފަ އެވެ. އަދި 60 އަށް ވުރެ ގިނަ ކުދިންނަށް އަނިޔާވެގެން އަންނަނީ ފަރުވާދެމުންނެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން މިއަދު ވަނީ ފަށައިފަ އެވެ. މި ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.
އިރާނުގެ ވައިގެ ހަމަލާތަކާއެކު، މެދުއިރުމަތީގެ ގިނަ ގައުމުތަކުން މިހާރު ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.
އިރާން ސަރުކާރުގެ އޮފިޝަލަކު "އަލްޖަޒީރާ" އާއި ވާހަކަދައްކަމުން ވިދާޅުވީ މެދުއިރުމަތީގައިވާ އެމެރިކާ އާއި އިޒްރޭލުގެ ހުރިހާ ތަނަކީ ހަމަލާތަކުގެ އަމާޒުތަކެއް ކަމަށާއި އެގައުމުން ހަމަލާދޭނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލުން މިފަހަރު ދޭން ފެށި ހަމަލާތަކާއެކު "ރަތް ރޮނގެއް" ދެން ނޯންނާނެ ކަމަށާއި ކޮންމެ ފަދަ ކަމެއް ހިނގުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.