މެދުއިރުމަތީގައި މިއަދު ފެށި ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ޓޫރިސްޓުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ދަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކާ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފަތުރުވެރިން އެއާޕޯޓަށް ފުރުމުގެ ކުރިން އެއާލައިންތަކުގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ކަށަވަރުކުރުމަށް ރިސޯޓުތަކަށާއި ފަތުވެރިންނަށް ހިދުމަތްދޭ މަރުކަޒުތަކަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރުތައް ކެންސަލް ވުމުގެ ސަބަބުން ރާއްޖެއިން ނުފުރި، މަޑުކުރަން ޖެހިފައި ތިބި ފަސިންޖަރުން، އެއާލައިންތަކާއި ކަމާ ގުޅޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި ވަނީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފެށުމުންނެވެ. މި ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.