އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން އިއްޔެ ވަނީ ފަށައިފަ އެވެ.
އިޒްރޭލުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހާމަނާއި އަވަހާރަކޮށްލީ އިއްޔެ ދިން ވައިގެ ހަމަލާތަކުގަ އެވެ. އަދި އަވަހާރަކޮށްލާފައިވާ ހާމަނާއީގެ ހަށިކޮޅުގެ ފޮޓޯތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫއަށް މިހާރު ލިބިފައިވާ ކަމަށް އިޒްރޭލްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ހާމަނާއިގެ އިތުރުން ވެސް އިރާނު ސަރުކާރުގެ ބައެއް އިސްވެރިން މި ހަމަލާތަކުގައި އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން އިރާނުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.