Last Updated: June 7, 18:41
Sunday, June 7, 2026
ދުނިޔެ

އިރާނަށް ބޮން އެޅުން ހުއްޓައެއް ނުލާނަން: ޓްރަމްޕް

އިރާނަށް ބޮން އެޅުން ހުއްޓާ ނުލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން އިއްޔެ ވަނީ ފަށައިފަ އެވެ. އެ ހަމަލާތަކުގައި އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވާ އިޒްރޭލާއި އެމެރިކާއިން ވަނީ ބުނެފަ އެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން އިރާނުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޓްރުތް ސޯޝަލްގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އީރާނަށް ދެމުންދާ ވަރުގަދަ އަދި ބޮމުގެ ހަމަލާތައް، މުޅި މި ހަފްތާގެ ތެރޭގައި މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. އަދި މެދުއިރުމައްޗާއި މުޅި ދުނިޔެއަށް ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ހިފާފައިވާ އަމާޒު ހާސިލުވަންދެން މި ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އީރާނުގެ ސަލާމަތީ ބާރުތަކާއި އެ ގައުމުގެ ނުފޫޒުގަދަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ މެންބަރުން މިހާރުވެސް ރައްކާތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ އިރާނުގެ ރައްޔިތުންނަށް އެ ގައުމު އަނބުރާ ހޯދުމަށް ލިބިފައިވާ ރަނގަޅު ފުރުސަތެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.