Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

މިއީ ހަރަދުތައް ކުޑަކޮށް ފިޔަވަޅުތައް އަޅަންޖެހޭ ވަގުތު

މެދުއިރުމަތީގައި ފެށުނު ހަނގުރާމައިގެ ސަބަބުން މިއީ ހަރަދުތައް ކުޑަކޮށް ފިޔަވަޅުތައް އަޅަންޖެހޭ ވަގުތު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މެދުއިރުމަތީގައި މިފެށުނު ހަނގުރާމައިގެ ސަބަބުން، ސީދާ ގޮތުން ރާއްޖެއަށް އަސަރުކުރާނެ ކަމަށާއި އެހެން ކަމުން މިއީ ޚަރަދުތައް ކުޑަކޮށް ވިސްނުންތެރިކަމާއި އެކު އިޤުތިޞާދު ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅަންޖެހޭ ވަގުތެއް ކަމަށެވެ. އަދި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ސީދާ އަދި ނުސީދާ ގޮތުން ކޮށްފާނެ އަސަރަކަށް ސަރުކާރުން ތައްޔާރުވެ އޮތީ ކިހާ މިންވަރަކަށްތޯ ސުވާލުކޮށްލަންޖެހޭ ކަމަށާއި މި ހަނގުރާމަ ފެށެން އުޅޭކަމުގެ ސިގްނަލްތައް ދުރާލައި އައީ ލިބެމުން ކަމަށް ފައިސަލް ވިދާޅުވި އެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވުމާއި އެކު ހަނގުރާމައިގެ ފުރަތަމަ ވަގުތުން ފެށިގެން ފްލައިޓްތައް ކެންސަލްކޮށް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދު ކުރުމާއިއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލޮޅުން އަރާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އީރާނުން ހޮރުމޫޒް ކަނޑު އޮޅި ބަންދުކުރުމާއިއެކު ތެލާއި ބައިނަލްއަޤުވާމީ އެހެން ވިޔަފާރި މުއާމަލާތްތަކަށް ބުރޫއަރާފައިވާ ކަމަށާއި މުޅިން އިމްޕޯޓަށް ބަރޯސާވެފައިވާ މިޤައުމަށް ހަނގުރާމައިގެ ސަބަބުން ލިބިދާނެ އިޤުތިޞާދީ ގެއްލުންތަކުގެ ސަބަބުން، ޚާއްޞަކޮށް މިފަދަ ރަމަޟާން މަހެއްގައި ތެލާއި ކާބޯތަކެތީގެ ދަތިކަން ކުރިމަތި ނުވާނޭކަމުގެ ކަށަވަރުކަން ސަރުކާރުން ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް އިޤުތިޞާދީ ދާއިރާގެ ބޭފުޅުންގެ ލަފަޔާއި މަޝްވަރާ ހޯއްދަވައި އަވަސް ފިޔަވަޅުތަކެއް އަޅުއްވަންޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވަނީ 2019 ގައި އޭރުގެ ސަރުކާރުން ކުރިމަތިލި ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުމާއި ކުރިމަތިވި ނަމަވެސް ސީދާ އާއްމުންގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން ކުރި އަސަރުތައް ކުޑަކުރެވުނީ ވިސްނުންތެރިކަމާއިއެކު މަސައްކަތް ކުރުމުން ކަމަށެވެ. އަދި ކޯވިޑްގައި އިޤުތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަންނަށް އެތައް ދުވަހެއް ހޭދަވި އިރު، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދަށް ލިބޭ ގެއްލުންތައް އިޢާދަވާންވެސް އެތައް ދުވަހެއް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.