Last Updated: June 7, 18:41
Sunday, June 7, 2026
ދުނިޔެ

ހާމަނާއި އަވަހާރަވިކަން އިރާނުން އިއުލާންކޮށްފި

އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވެފައިވާކަން އިރާނުން އިއުލާންކޮށްފި އެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހާމަނާއީ އަވަހާރަވީ އިއްޔެ ހެނދުނު މަގާމުގެ ޒިންމާތައް އަދާކުރެއްވުމުގައި އޮފީހުގައި އިންނަވަނިކޮށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދިން ހަމަލާތަކެއްގައި ކަމަށެވެ.

ހާމަނާއީ ،86، އަވަހާރަވުމާ ގުޅިގެން އެގައުމުގައި މިއަދުން ފެށިގެން ގައުމީ ހިތާމައިގެ 40 ދުވަސް ފާހަގަކުރަން ވަނީ ނިންމާފަ އެވެ. އަދި ކުރިއަށް އޮތް ހަތް ދުވަހަށް ސަރުކާރު ވެސް ވަނީ ބަންދުކޮށްފަ އެވެ.

މި ހަމަލާތަކުގައި ހާމަނާއީގެ އިތުރުން އޭނާގެ ދަރިކަނބަލުންނާއި އޭނާ ފިރިކަލުން އަދި ކާފަ ދަރިކަލެއް ވެސް ވަނީ އަވަހާރަވެފަ އެވެ. އޭގެ އިތުރަށް އިރާނު ސަރުކާރުގެ ބައެއް އިސްވެރިން ވެސް މި ހަމަލާތަކުގައި އަވަހާރަކޮށްލާފައިވެ އެވެ.

އީރާންގެ އެންމެ އިސް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.