Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޒަކާތު ފަންޑް ސްކޮލަޝިޕްތަކަށް މި މަހު ހުޅުވާލަނީ

ޒަކާތު ފަންޑު ސްކޮލަޝިޕަށް މި މަހު ހުޅުވާލާނެ ކަމަށް ޒަކާތު ހައުސްއިން ބުނެފި އެވެ.

ޒަކާތު ފަންޑުން ސްކޮލަރޝިޕް ތައާރަފުކުރީ 2018 ގަ އެވެ. ނަމަވެސް ސްކޮލަޝިޕް ދޭން ފެށީ މިދިޔަ އަހަރުއެވެ.

އެގޮތުން މިދިޔަ އަހަރު ޒަކާތު ހައުސްއިން 50 ސްކޮލަޝިޕް ދީފައިވެއެވެ. އ 50 ސްކޮލަޝިޕްގެ ތެރެއިން 20 ފުރުޞަތު ދިނީ ރާއްޖޭގައި ކިޔެވުމަށެވެ. އަނެއް 30 ފުރުޞަތު ދިނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ.

ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް އިމްތިޠާއު ޢައްބާސް ވިދާޅުވެފައި ވަނީ ޒަކާތު ފަންޑުން ސްކޮލަޝިޕް ދެނީ އިސްލާމީ ޢިލްމު ފުޅާކުރުމުގެ އިތުރުން މުޖުތަމަޢުއަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ކިޔަވައިގެން ޤައުމަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އޭނަ ވިދާޅުވީ، އަލަށް އެކުލަވާލި ޒަކާތު ހައުސްގެ ޤާނޫނާއެކު ހަދަންޖެހޭ ޤަވާއިދުތަކާއި އުޞޫލްތައް އެކުލަވާލައި، ދެމެހެއްޓެނިވި ގޮތެއްގައި ޒަކާތު ފަންޑު ބޭނުން ކުރަން އިސްކަންދެއްވާ ކަމަށެވެ.

މިދިޔަ އަހަރު އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލުކުރުމަށްދޭ ފުލް ސްކޮލަޝިޕް ދީފައި ވަނީ 17 ދަރިވަރަކަށެވެ. އޭގެ ތެރޭގައި މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް ދިން 10 ފުރުސަތު ހިމެނެއެވެ. އަދި ޚާއްސަ ސްކޮލަޝިޕް 7 ދަރިވަރަކަށް ދީފައިވެއެވެ.