މަދަޙަ ކިޔުމަކީ ރަސޫލާގެ ހަޔާތްޕުޅުން ޢިބުރަތް ހާސިލުކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އޭނަ އެގޮތަށް ވިދާޅުވީ ލޯކަލް މިނިސްޓްރީން އިންތިޒާމުކޮށްގެން މުވައްޒަފުންގެ މެދުގައި ބޭއްވި ދެވަނަ މަދަހަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރޭގަ އެވެ.
މިނިސްޓަރު ވިދާޅުވީ އެތަނުގެ ކުލަބު އެމްސީއެލްޕީން މަދަޙަ މުބާރާތެއް ބޭއްވުމަކީ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިވުމުގެ އިތުރުން ހުނަރުތައް ދައްކާލުމަށް ލިބުނު ރަނުގެ ފުރުސަތެއް ވެސް ކަމަށެވެ. އަދި މި ފަދަ މަދަޙަ މުބާރާތެއްގެ ސަބަބުން ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހަނދާންތައް އާކުރުމާއި، އެކަލޭގެފާނުގެ ޒިކުރާވެސް އާވެގެންދާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
"މަދަޙަ ކިޔުމަކީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ މައްޗަށް ތަޢުރީފުކުރުމާއި، ރަސޫލާގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ދަސްވިކަންކަމާއި، ލިބިގަނެފައިވާ ޢިބުރަތްތަކާ މި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އަޅުގަނޑުމެން ކިޔަމުންދާ މަދަޙަ ނުވަތަ ޅެންބަހުން ހުށަހަޅާދޭ ހުށަހެޅުން." އޭނަ ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މަދަޙަ މުބާރާތުގެ ފަނޑިޔާރުކަން ސިފައިންގެ ބޭކަލުން ކޮށްދެއްވާތީ ޝުކުރު ވެސް އަދާކުރައްވައިފައެވެ.

ރޭގެ ރަސްމިއްޔާތުގައި މަދަޙަ މުބާރާތުގެ އެއް ވަނަ ހޯދި ޓީމަށާއި، އެއްވަނަ ހޯދި މަދަޙަ ކިޔުންތެރިޔާއަށް އިނާމާއި، ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރެވެ.