Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

މަރަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް މުސައްވިރު

އައްޑޫ މަރަދޫ ސްކޫލްގެ ޕްރިންސިޕަކަށް ހުސައިން މުސައްވިރު ހަމަޖައްސައިފި އެވެ.

އޭނަ އެންމެ ފަހުން ހުންނެވީ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގަ އެވެ. އެތަނުގައި 7 އަހަރު މަސައްކަތް ކުރެއްވުމަށް ފަހު، މުސައްވިރު އުފަން ރަށް މަރަދޫގެ މަރަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ބަދަލު ކުރީ، ފޭދޫ ސްކޫލްގެ ޕްރިންސިޕަކަށް ހުންނެވި އަހުމަދު މިހާދު މިދިޔަ ހަފުތާގެ ތެރޭގައި ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް ބަދަލު ކުރުމަށް ފަހު އެވެ.

ކުރިން މަރަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވި އަބްދުއްލަތީފް އަލީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލަކަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބަދަލު ކުރުމާ ގުޅިގެން އެ ސްކޫލްގައި ދާއިމީ ޕްރިންސިޕަލަކު ނެތެވެ. އޭގެ ފަހުން މަރަދޫ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އިއުލާންކުރި އެވެ.

މަރަދޫ ސްކޫލަކީ ކީ ސްޓޭޖުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ. އެ ސްކޫލްގެ ޕްރިންސިޕަލަަށް މުސައްވިރު ހަމަޖެއްސުމާ ގުޅިގެން އެތަނުން އޭނަ އަށް މިއަދު މަރުހަބާ ވެސް ކިޔާފައިވެ އެވެ.

މުސައްވިރަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި މަރަދޫ ކައުންސިލަރު ކަމަށް ވާދަކުރައްވާ އައިޝަތު ޝަޒްލާގެ ފިރިކަލުންނެވެ.