ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލާފައިވާ ކާބޯތަކެތި ޕެކޭޖް ކުރުމާއި ލޭބަލްކުރުމުގެ އައު ޤަވާއިދުގެ ފައިނަލް ޑްރާފްޓް، ރައީސް އޮފީހަށް ފޮނުވައިފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ އެ ޤަވާއިދުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށާއި، އެޓާނީގެ އޮފީހުގެ ލަފާޔާއެކު މިހާރު އޮތީ ފައިނަލް ކުރުމުގެ މަރުޙަލާގައި ކަމަށެވެ.
އެ ޤަވާއިދަކީ މެއި 23، 2024 ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަސްދީގުކުރި "ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު" ގެ ދަށުން އެކުލަވާލެވޭ 21 ޤަވާއިދުގެ ތެރެއިން އެންމެ މުހިންމު އެއް ޤަވާއިދެވެ. މި ޤަވާއިދުގެ މަޤްޞަދަކީ ކާބޯތަކެތި އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމާއި، ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމުގެ އިތުރުން، އިންސާނުން ބޭނުންކުރުމަށް ޞިއްޙީގޮތުން ރައްކާތެރި ތަކެތި ކަމުގައި ހެދުމަށް ބޭނުންވާ އުޞޫލުތައް ކަނޑައެޅުމެވެ.
ރާއްޖޭގެ ބާޒާރުގައި ހުރި ކާބޯތަކެތީގެ ބޮޑު ޕަސެންޓަކީ ރާއްޖެއިން ބޭރުން އެތެރެކުރާ ތަކެތި ކަމަށްވާއިރު، އެ އެއްޗަކާ ގުޅޭ މަޢުލޫމާތު ކަސްޓަމަރުންނަށް އެންމެ ފުރަތަމަ ލިބެނީ ލޭބަލްގެ ޒަރީޢާއިންނެވެ. އެހެންވެ އެކި ބަސްބަހުން ހުންނަ ލޭބަލްތައް ދިވެހި ނުވަތަ އިނގިރޭސި ބަހަށް ބަދަލުކުރުމަށް 2015 ގައި ފެށި މަސައްކަތް، އައު ޤާނޫނުގެ ދަށުން މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ހަރުދަނާކޮށްފައިވެ އެވެ.
އައު ޤަވާއިދުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި އުފެއްދި ކުންފުނީގެ މަޢުލޫމާތާއި، ބޭނުންކޮށްފައިވާ ބާވަތްތަކާއި، އެލަޖީގެ މަޢުލޫމާތު ހިމެނުމާއި މުއްދަތު ހަމަވާ ތާރީޚާއި، ބަހައްޓަން ޖެހޭ ފިނިހޫނުމިން ސާފުކޮށް ބަޔާން ކުރުމާއި ޤަވާއިދާ ޚިލާފު ތަކެތި ބާޒާރުން ނެގުމާއި ނައްތާލުމުގެ އުޞޫލުތަކާއި ފޯޓުން މުދާ ދޫކުރުމަ ށްފަހު، އަލުން ރީ-ލޭބަލް ކުރުމުގެ ފުރުޞަތު ހަނިކުރުން ހިމެނެ އެވެ.
މި ޤަވާއިދާއި ޚިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން، ގަޑުބަޑުކޮށްފައިވާ ނުވަތަ އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައި ހުންނަ ތަކެތީގެ މައްސަލަތަކުގައި 10،000-750،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ކަމެއްގެ ސަބަބުން މީހެއްގެ ޞިއްޙަތަށް ނުރައްކާތެރި ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެނަމަ، އެ ފަރާތެއް 1،000،000 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އެމްއެފްޑީއޭ އިން ވިދާޅުވީ ޤަވާއިދުގެ އަސްލު ބޭނުމަކީ ވިޔަފާރިވެރިންނަށް ފިޔަވަޅު އެޅުމެއް ނޫން ކަމަށެވެ. އަދި މީގެ މައިގަނޑު ބޭނުމަކީ، ރައްޔިތުންނަށް ލިބޭ ކާބޯތަކެތީގެ ޞިއްޙީ ރައްކާތެރިކަން އިތުރުކުރުން ކަމަށް ބުންޏެވެ.