Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ހައުސިން ޔުނިޓްތައް ވިއްކާނެ އަގުތަކެއް ހިއްސާކޮށްފި

ހުޅުމަލޭގައި އަލަށް ތަރައްގީ ކުރަން ނިންމާފައިވާ 1،000 ހައުސިން ޔުނިޓްތައް ވިއްކާގެ އަގުތަކެއް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ހިއްސާ ކުރައްވައިފި އެވެ.

އޭނަ ވިދާޅުވީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން އެފޯޑަބަލް ހައުސިން މޮޑެލްއަށް، ހުޅުމާލޭ ފޭސް ތިނެއްގައި ތަރައްގީ ކުރަން ނިންމާފައިވާ ހައުސިން ޔުނިޓުގެ ތެރެއިން، ދެ ކޮޓަރީގެ އެޕާޓްމަންޓް ވިއްކާނީ 1.8 މިލިއަނަށް ކަމަށާއި ތިން ކޮޓަރީގެ އެޕާޓްމަންޓް ވިއްކާނީ 2.3 މިލިއަން ރުފިޔާއަށް ކަމަށެވެ.

އެ މަޝްރޫއާ ގުޅޭގޮތުން ލިންކްޑްއިންގައި މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭގައި ތަރައްގީކުރާ އެ ހައުސިން ޔުނިޓުތަގެ މަގްސަދަކީ ފުރަތަމަ ފަހަރަށް ގެއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ގެއެއް ގަނެވޭނެ މަގު ފަހިކޮށްދީ، ކޮންމެ މީހަކީ ވެސް ގެދޮރުވެރިއަކަށް ހެދުން ކަމަށެވެ.

އެގޮތުން އެ 1،000 ހައުސިންގ ޔުނިޓުގެ އަގު ކަނޑައަޅާފައި ވަނީ މިހާރު ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ވިއްކާ މާކެޓް ޕްރައިސް އަށް ވެސް މާ ދަށް އަގެެއްގައި ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އާއިލީ ބޯހިޔާވަހިކަމަށް އިސްކަން ދިނުމުގެ ގޮތުން، އެ 1،000 ހައުސިން ޔުނިޓުގެ 70 ޕަސެންޓް އެޕާޓްމަންޓަކީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް ހަދަން ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން މަޝްރޫއުގައި ހިމެނޭނީ ތިން ކޮޓަރީގެ 700 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 300 އެޕާޓްމަންޓެވެ.

ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ އެ މަޝްރޫއުގެ ދަށުން، އެ 1،000 ހައުސިން ޔުނިޓު ގާއިމުކުރާނީ ހުޅުމާލޭ ފޭސް 3 ގެ ފަސް ބިމެއްގައެވެ. އެއީ ކޮންމެ ބިމެއްގައި 200 ހައުސިން ޔުނިޓެވެ. މަޝްރޫއު ނިންމަން ކަނޑައަޅާފައި އޮތީ އަދި 30 މަސް ދުވަހެވެ.