މިދިޔަ ހަފުތާގައި ކައިވެނި ކުރި އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންދަނާގެ ކައިވެނީގެ އުފަލުގައި އެ ގައުމުގެ 20 ސިޓީއަކަށް ހަދިޔާ ބަހަން ނިންމައިފި އެވެ.
މިކަން ރަޝްމިކާ އާއި ވިޖޭހެ ސޯޝަލް މީޑީއާގައި ވެސް ހިއްސާކޮށް ބުނެފައި ވަނީ އެ މީހުންގެ ކައިވެނީގެ އުފަލުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރި ކުރުމުގެ ގޮތުން 20 ސިޓީއަކަށް ފޮނި ތަކެތި ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ތަކެތި ބެހުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް ދާނެ ކަމަށް ބުންޏެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން ރަޝްމިކާ އާއި ވިޖޭ ކައިވެނިކުރީ މިދިޔަ މަހުގެ 26 ގަ އެވެ. ދެކުނުގެ ފިލްމުތަކުން މަޝްހޫރުވި މި ދެ ތަރިން ކައިވެނި ކުރި އިރު، އެކީގައި ކުޅެފައިވާ ތިން ވަނަ ފިލްމު "ރާނާބާލީ" މި އަހަރުގެ ސެޕްޓެމްބަރުގައި ސިނަމާތަކަށް ގެންނަން އޮތީ ހަމަޖެހިފަ އެވެ.
ވިޖޭ އާއި ރަޝްމިކާގެ ކައިވެންޏާ ގުޅިގެން އެ ފިލްމުގެ ޓީމުން ވަނީ، އެކަމަށް މަރުހަބާ ކިޔައި، ފިލްމުގެ ލަވައެއް ވެސް އާންމުކޮށްފަ އެވެ.
ދެ ތަރިން އެކީގައި ކުރިން ވެސް ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2018 ގެ "ގީތާ ގޯވިންދަމް" އާއި 2019 ގެ "ޑިއާ ކޮމްރޭޑް" އެވެ.
ރަޝްމިކާ އަކީ މިހާރު ބޮލީވުޑްގައި ވެސް އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ އެވެ. "އެނިމަލް" އާއި "ޗާވާ" އަދި "ތާމާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާގެ މި އަހަރުގެ ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ކޮކްޓެއިލް 2 ހިމެނެ އެވެ. ވިޖޭ ވެސް ބޮލީވުޑްގެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2022 ގެ "ލައިގާ" އެވެ.