އިސްލާމް ދީނަށް ފުރައްސާރަކުރާ މައްސަލައިގައި ހޯދާ މީހާއާ، ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެ ޕާޓީން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީން އެގޮތަށް ބުނީ ދީނަށް ފުރައްސާރަކުރާ މައްސަލައިގައި ފުލުހަށް ހާޒިރުވާން އަންގައި މިދިޔަ ހަފުތާގައ އިއުލާންކުރި ހ. ފިލިކުރިގޭ އަހުމަދު އާމިރު، 51، ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވާހަކަ ދައްކަމުންދާތީ އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެންނެވެ.
އެ ޕާޓީން މިއަދު ސޯޝަލް މީޑިއާގައި ބުނީ އެ މީހާ، އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވާހަކަ ދެއްކިޔަސް އެ މީހާ އަކީ ޕީއެންސީއާ ރަސްމީ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށެވެ.
"އިސްލާމް ދީނަށް ފުރައްސާ ރަކުރުން ފަދަ އަމަލުތައް ޕީއެންސީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން." އެ ޕާޓީން ބުންޏެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަ ދެއްކުމާއި އިސްލާމިކް މިނިސްޓްރީން ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން އާމިރު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައި އިއުލާންކުރީ މިދިޔަ މަހުގެ 24 ގަ އެވެ.
އޭނަ ފުލުހަށް ހާޒިރުވާން އެންގީ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ.