އައްޑޫ ހިތަދޫ ފްލެޓްތަކުގެ ރައްޔިތުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ކުރިއަށް ފުލުހުން ގެންގޮސްފި އެވެ.
ހިތަދޫ ފުލުހުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، އެ އަވަށު ފުލެޓް ސަރަހައްދަށް ޒިޔާރަތްކޮށް، ވައްކަމާއި ސްކޭމްގެ މައްސަލަތަކުން ސަލާމަތް ވާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެ އެވެ. އަދި ރޯދަ މަހަކީ ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރާ ދުވަސްވަރަކަށްވެފައި، ކުށްކުރާ މީހުންގެ ކިބައިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިރުޝާދު ވެސް ދީފައިވެ އެވެ.
މީގެ އިތުރުން ނަމާދަށް މިސްކިތަށް ދާއިރު ނުވަތަ ބޭރަށް ދާއިރު ގޭގެ ދޮރުތަކާއި ބެލްކަނިތައް ރަނގަޅަށް ތަޅުލެވި ބަންދުކުރެވިފައި ހުރިތޯ ޔަގީންކުރުމަށާއި، ކުށްކުރާ ފަރާތްތަކަށް ފުރުސަތު ނުލިބޭނޭހެން ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި ތުހުމަތުކުރެވޭ ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށާއި މުޖުތަމައުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށް ފުލުހުން ބުންޏެވެ.
މިއީ ކުށް މަދުކޮށް، އަމާން މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާުތުގެ ތެރެއިން ކުރިއަށް ގެންދިޔަ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.