އެމްޑީޕީގެ ހަރަކާތްތެރިންގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ މާލޭގައި އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާ ގުޅިގެން އެ މުޒާހަރާގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފުލުހުން ފޮނުވުމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި، ދިފާއުކުރުމުގެ ނިޔަތުގައި، މިނިވަންކަމާއެކު ހިޔާލު ފާޅުކޮށް، ސުލްހަވެރިކަމާއެކު އެއްވުމުގެ ގޮތުން، އޮކްޓޯބަރުގައި ބާއްވައިފައި ވާނީ ސުލްހަވެރި ސިޔާސީ އެއްވުމެއް ކަމަށެވެ.
ނަމަވެސް ސަރުކާރުން ހުރަސްއެޅުމަށްޓަކައި، ފުލުހުން މެދުވެރިކޮށް އެކި ގޮތްގޮތުން އެ އެކަމަށް ހުރަސް އަޅައި އެތަނުގެ ސުލްހަވެރިކަން ގެއްލުވައިލުމަށްޓަކައި މަސައްކަތްކޮށް، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި އޭގެ 5 މަސް ފަހުން، އެ މުޒާހަރާއާ ގުޅުވައިގެން ޕާޓީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ގައުމީ މަޖިލީހުގެ މެންބަރަކާއި އަދި ޕާޓީގެ ހިދުމަތްތެރި އާއްމު މެންބަރަކު ހިމެނޭހެން ހަރަކާތްތެރިންގެ މައްޗަށް ދައުވާކުރުމަކީ ސިޔާސީ ގޮތުން ކުރާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
އެހންވެ މިއީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީން ކުރަމުންދާ ކެމްޕޭނަށް ހުރަސް އެޅުމަށާއި، އަދި ރާއްޖޭގެ އިންތިހާބީ ނިޒާމު ގަޑުބަޑުކުރުމަށް ނަގަން އުޅޭ އާއްމު ވޯޓާ ދެކޮޅަށް މި ފެށޭ މި މަހުގެ 21 ގައި އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވާ މީހުން މަދުކުރުމަށް ހިންގާ ބިރުދެއްކުމުގެ އަމަލެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އެ ޕާޓީން ބުނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަންގައިގެން އެމްޑީޕީގެ ހަރަކާތްތެރިންގެ މައްޗަށް ސިޔާސީ ދައުވާތައް ކުރިޔަސް ޕާޓީގެ މެންބަރުން ފަސްނުޖެހޭނެކަން ހަނދާންކޮށް ދޭ ކަމަށެވެ.