Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ގޯތި ވައްކަމުގެ މައްސަލައިގައި ފަޒީލަށް ދައުވާކޮށްފި

ވަގު ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލޭ ފޭސް ދޭކުން ގޯއްޗެއް ހޯދަން އުޅުނު މައްސަލައިގައި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 12 މީހަކަށް ދައުވާ ކޮށްފި އެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ "ބިންވެރިޔާ" ސްކީމުން ގޯތި ލިބިފައިނުވާ މީހުން، ގޯތި ލިބިފައިވާކަމަށް ދައްކައި ސައްހަނޫން ލިޔެކިޔުން ހަދައިގެން ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަންނަނިވި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް 1 މާޗު ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ކުރި ދައުވާ އަދި ދައުވާކުރި ސަބަބު

1- ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ:

ގ. ޕޫލްބަހާރުއާގެ / އަހްމަދު އަތީޤް އަބްދުالله
2. ނ. ވެލިދޫ، ޑޭޒީމާގެ / އަހްމަދު މާޒިން
ދައުވާކުރި ސަބަބު:

ޕީޖީ އޮފީިހުން ބުނެފައިވަނީ މި ދެ މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ދުވަސްވަރު، އާންމުން ހުށަހެޅި ފޯމުތަކުގެ މަސައްކަތްކުރުމުގައި އުޅެމުން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީ އަދި އެއްބަސްވުން އުފައްދާފައިވާތީ ކަމަށެވެ.

2- ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ:

މ. ފަޅުމަތީގެ / އަރުޝަދު އަލީ

ދައުވާކުރި ސަބަބު:

މީނާގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ، ބިންވެރިޔާ ސްކީމްގެ މަސައްކަތުގައި އުޅެމުންދިޔަ، އަހްމަދު މާޒިންއާ ބައިވެރިވެގެން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިމުގެ ހައްޤުވެރިންކަމަށް ރަމްޒުކޮށްދޭ ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުތަކެއް އުފައްދައިފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

3- އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ:

ސ. ހިތަދޫ، ހަޒާރުމާގެ / މަރްޔަމް ސާއީ
މ. ޒޭވަރު / މުޙައްމަދު ފަޟީލް ރަޝީދު
ޏ. ފުވައްމުލައް، ދޫޑިގަން، ދިލް / އީމާ ވަހީދު
ދަފްތަރު. ނަންބަރު ރސ 9044 / އާއިޝަތު މައުރޫފާ
ހުޅުމާލެ. ފްލެޓް ނަންބަރު 02-ޖީ- 46 / މުހައްމަދު އާދަމް
ހއ. ދިއްދޫ، ޖަމީލާ / އަބްދުލްމަޖީދު މާހިރު
މ. ވެސްޓްކޯސްޓް / ހުސައިން ޒާހިރު ޒައިނު
މ. ފަޅުމަތީގެ / އަޝްހަދު އަލީ
މ. ފަޅުމަތީގެ / އަހްމަދު އަލީ

ދައުވާކުރި ސަބަބު:

މި މައްސަލައިގައި ފަޒީލް ހިމެނޭހެން 9 މީހެއްގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދައްކައި، އެ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތްކުރުމުގެ ހުއްދަ ހޯދުމުގެ ގޮތުން، އެ ގޯތީގެ ސައްހަނޫން އެއްބަސްވުމާއި، ސައްހަނޫން ރަޖިސްޓްރީ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހަޅާފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި މިއަދު ދައުވާކުރިއިރު، ޕީޖީ އޮފީހުން ބުނެފައިވަނީ ބިންވެރިޔާ ސްކީމާ ގުޅޭ މައްސަލާގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެހެންކަމުން އެ ބައިތައް ވަކި މައްސަލައެއް ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ގެންދަނީ ތަޙުޤީޤުކުރަމުން ކަމަށާއި، އެ މައްސަލައިގެ ތަހުޤީޤު ނިމުމުން ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.