Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

މެދުއިރުމަތީގެ ޓޫރިސްޓުން މަދުވާނެ، އާމްދަނީ އަށް އަސަރު ކުރާނެ

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިގު އިބްރާހިމް - ފޮޓޯ: ރައީސް އޮފީސް

ހަނގުރާމައިގެ ސަބަބުން މެދުއިރުމަތިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވާނެ ކަމަށާއި އޭގެ އަސަރު އާމްދަނީއަށް ވެސް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގައި އިއްޔެ ފެށި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ މައިގަނޑު ދެ ޓްރާންސިޓް ހަބް ކަމުގައިވާ ދުބާއީ އާއި ދޯހާގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތައް ވަނީ ހުއްޓާލާފަ އެވެ. އަދި މެދުއިރުމަތީގެ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގު ވިދާޅުވީ މިދިޔަ ފެބްރުއަރީ ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރެއިން ގާތްގަނޑަކަށް 30 އާއި 35 އިންސައްތަ ޓޫރިސްޓުން އައިސްފައިވަނީ މެދުއިރުމަތިން ކަމަށާއި ހަނގުރާމައިގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދާއި އަދި އާމްދަނީއަށް ވެސް އަސަރުކުރާނެ ކަމަށެވެ.

"މި ދެ ތިން ދުވަހު ރާއްޖެ އަންނަ ފަތުރުވެރިންނަށް ވަރަށް ބޮޑަށް އެފެކްޓުކުރާނެ. އެއީ ހަމަ ރާއްޖެއަށް ވަންނަ އާމްދަނީ ދަށްވެގެންދާނެ. އެހެންނަމަވެސް އަޅުގަނޑުމެން ބަލަމުން މިދަނީ ކޮބައިތޯ ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ އިތުރު އޮޕްޝަންތަކަކީ. އަދި އިތުރު މާކެޓުތަކަކީ ކޮބައިތޯ،" ތޯރިގު ވިދާޅުވި އެވެ.

ސަރުކާރުގެ އުންމީދަކީ ވީހާވެސް އަވަހަށް މި ހަނގުރާމަ ނިމި ދަތުރުތައް އަލުން ފެށިގެންދިޔުން ކަމަށްވެސް ތޯރިގު ވިދާޅުވި އެވެ.

މިއަދު ވެސް މެދުއިރުމަތިން ރާއްޖެއަށް އަންނަ އޮތް ގިނަ އަދަދެއްގެ ފްލައިޓުތައް ކެންސަލް ކުރި އެވެ.