Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އެމްއޭސީއެލުން 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ދީފީ

މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ދީފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޓަނޭޝަނަލް އެއާޕޯޓުގައި ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ގާއިމްކުރެވި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފެށިފަ އެވެ. މި މަސައްކަތުގެ ތެރެއިން ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށްޓަކައި ޑޮމެސްޓިކް ޓަމިނަލް މިހާރު ބޭނުންކުރެވެމުންދާ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

މި މަސައްކަތުގައި ކަމާގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކު، ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

ގުޅުންހުރި ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ޖުމްލަ 9 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 1,716 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވެއެވެ. އަދި މިއަދު 19 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 3,530 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވެއެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި، ވިޒިޓް މޯލްޑިވްސްއާއި އެއާލައިންތަކުގެ އިތުރުން ޓުއާ އޮޕަރޭޓަރުންނާއި ގުޅިގެން، ފަސިންޖަރުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލުކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއަލައިންތަކަށް ހާއްސަ ސާވިސް ކައުންޓަރުތައް ޑޮމެސްޓިކް ޓާމިނަލްގައި ވަނީ ގާއިމްކޮށްފައެވެ. އަދި ފަސިންޖަރުންނަށް އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެއާލައިންތަކުގެ މަންދޫބުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލް އިން ވަނީ ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ އޮޕަރޭޝަންނަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށްވެސް ބުނެފަ އެވެ.