އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރު ނުކުރެވިގެން އުޅޭ އެ އެސޯސިއޭޝަންގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، މުހައްމަދު އަގީލް ފިލައިގެން ތައިލެންޑުގެ ބެންކޮކްގައި އުޅެނިކޮށް ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފި އެވެ.
ފުލުހުން ބުނީ އޭނަ ރާއްޖެ ގެނައީ މިދިޔަ މަހުގެ 21، ގައި ކަމަށެވެ. އަދި، އަގީލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރާ އެއްގޮތަށް ކޯޓަށް ވެސް ހާޒިރުކޮށްފައިވާ ކަމަށެވެ.
އޭނަ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެންވަނީ ބަންދުކޮށްފަ އެވެ.
ފިލައިގެން ބެންކޮކްގައި އުޅެނިކޮށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ތައިލެންޑުގެ ފުލުހުން އަގީލް ހައްޔަރުކުރީ ރާއްޖެއިން އިންޓަޕޯލް ރެޑްނޯޓިސްއެއް ނެރެފައި ވަނިކޮށެވެ.
އޭނަގެ މައްޗަށް މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާކޮށްފައިވެ އެވެ.