Last Updated: June 28, 11:05
Sunday, June 28, 2026
ޚަބަރު

މެދުއިރުމަތީގެ ހަމަނުޖެހުމޭ ކިޔުމަކީ ބޮޑު ބޭއިންސާފެއް: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް - ފޮޓޯ: ރައީސް އޮފީސް

އެމެރިކާ އާއީ އިޒްރޭލު ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކަށް މެދުއިރުމަތީގެ ހަމަނުޖެހުމޭ ކިޔުމަކީ ވަރަށްބޮޑު ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ އެމެރިކާއާ އިޒްރޭލު ގުޅިގެން އީރާނަށް ދިން ވަރުގަދަ ޢުދުވާނީ ޙަމަލާއަށް މެދުއިރުމަތީގެ ހަމަނުޖެހުމޭ ކިޔުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި ހަގީގަތް ބުނަން ކެރެންޖެހޭ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން އިއްޔެ ވަނީ ފަށައިފަ އެވެ. އެ ހަމަލާތަކުގައި އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އާއި އިރާނުގެ ބައެއް އަސްކަރީ ކޮމާންޑަރުން ވަނީ އަވަހާރަކޮށްލާފަ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.