Last Updated: June 7, 18:23
Sunday, June 7, 2026
ޚަބަރު

އަމާޒަކީ އާބާދީގެ ނިސްބަތުން އެންމެ ހާފިޒުން ގިނަ ގައުމަށް ހެދުން

އަމާޒަކީ އާބާދީގެ ނިސްބަތުން އެންމެ ހާފިޒުން ގިނަ ގައުމަށް ރާއްޖެ ހެދުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހާފިޒުން ދަސްވެނިވުމުގެ ހަފްލާގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ ސަރުކާރުން ވޭތުވެދިޔަ އަހަރު ކީރިތި ޤުރުއާން ހިދު ދަސްކުރުމުގެ ދާއިރާއަށް 19 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި ރާއްޖޭގެ ހާފިޒުންގެ އަދަދު 301 އަށް މިރެއާ ހަމައަށް އަރާފައިވާއިރު، މިއީ އުފާވެރި ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހާފިޒުންގެ އަދަދު 500 އަށް އެރުވުމަށް މަސައްކަތް ކުރުން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"އިސްލާމީ ވުޒާރާގެ ދުުރު ރާސްތާ އަމާޒަކީ އިސްލާމީ ދުނިޔޭގައި އެ ގައުމެއްގެ ރައްޔިތުންގެ އާބާދީގެ ނިސްބަތުން ރާއްޖެއަކީ އެންމެ ހާފިޒުން ގިނަ ގައުމަކަށް ހެދުން، މިއީ އަޅުގަނޑުމެންގެ ގައުމަށް ލިބިގެން ދާނެ މަތިވެރި ޝަރަފެއް،". ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ ގޮތްޕެއް ޤާއިމްކުރުން ކަމަށާއި އެ މަގަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިއަހަރު 50 ގޮފި އުފެދިގެންދާނެ ކަމަށެވެ.

މީގެއިތުރުން 31 ހާފިޒުންނާއެކު މިއަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޙާފިޒުން ދަސްވެނިވާ އަހަރު ކަމަށާއި މިއަދަދު އަހަރުން އަހަރަށް އިތުރުކުރުމަކީ އަމާޒެއްކަމަށް ވެސް ވިދާޅުވި އެވެ. ރާއްޖޭގައި މިވަގުތުވެސް ޤުރުއާން ހިތުދަސްކުރާ ކުދިންގެން އަދަދު 1800 އަށް އަރާފައިވާކަން ވެސް ޝަހީމް ފާހަގަކުރެއްވި އެވެ.