ކީރިތި ޤުރުއާން ހިތުދަސްކޮށް ޙާފިޡުކަމުގެ ސަނަދު އައްޑޫ ސިޓީއަށް ނިސްބަތްވާ ހަތަރު ފަރާތަކުން ރޭ ހާސިލުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކީރިތި ޤުރުއާން ހިތުދަސްކޮށް ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރި ޙާފިޡުންނަށް ސަނަދު ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި 31 ހާފިޒުން، ހާފިޒުކަމުގެ ސަނަދު ހާސިލުކޮށްފައިވެ އެވެ.
މި އަހަރު ދަސްވެނިވެފައިވަނީ، އަންހެން 19 ޙާފިޒުންނާއި، ފިރިހެން 12 ޙާފިޒުންނެވެ. އެއީ 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ޙާފިޒުންނާއި، 21 އަހަރުން މަތީގެ 8 ޙާފިޒުންނެވެ.
ހާފިޒުކަމުގެ ސަނަދު ހާސިލުކުރި އައްޑޫއަށް ނިސްބަތްވާ ފަރާތްތައް:
1- އަލްޙާފިޒާ ނަވާރު ބިންތި އަޙްމަދު , ވެލްކަމްވިލާ، ސ. މަރަދޫ
ޙިފްޒުކުރި މަރުކަޒު: ތަޙްފީޒް ސެންޓަރު، ސ. މަރަދޫ
ޙިފްޒުކުރި ޢުމުރު: 14 އަހަރު
2- އަލްޙާފިޒާ މަލްކާ މުޙައްމަދު ޙަބީބު , ވާދީ، ސ. ފޭދޫ
ޙިފްޒުކުރި މަރުކަޒު: ތަދުރީސުލް ޤުރްއާން، ސ. މަރަދޫ
ޙިފްޒުކުރި ޢުމުރު: 13 އަހަރު
3- އަލްޙާފިޒާ ޙައްވާ ޒާހިރާ، މައުވާ، ސ. ހިތަދޫ
ޙިފްޒުކުރި މަރުކަޒު: އައިއާރު ޤުރްއާން ކުލާސް، ސ. ހިތަދޫ
ޙިފްޒުކުރި ޢުމުރު: 62 އަހަރު
4- އަލްޙާފިޒާ މަޢުޞޫމާ މުޙައްމަދު , ޕޫލްވާރީގެ، ސ. ހިތަދޫ
ޙިފްޒުކުރި މަރުކަޒު:ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފުޒު ކުލާސް، މާލެ
ޙިފްޒުކުރި ޢުމުރު: 51 އަހަރު
މިއީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ހަމައަށް ކީރިތި ޤުރުއާން ހިތުދަސްކޮށް، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާފައިވާ ޝަރުޠުތަކާ އެއްގޮތަށް، ޙިފްޒު އިމްތިޙާނު ކޮމިޓީއަށް ކިޔައިދީ، އަލަށް ދަސްވެނިވި ހާފިޒުންނެވެ.
ސަރުކާރުން މިހާރު ވަނީ ހާފިޒުންނަށް ދޭ އެލަވަންސް ވެސް ބޮޑުކޮށްފަ އެވެ. އެގޮތުން މިހާރު ހާފިޒުންނަށް ދެމުންދަނީ 4000ރ. ގެ އެލަވަންސެކެވެ. އޭގެ ކުރިން ދެމުން ދިޔައީ 2000ރ. ގެ އެލަވަންސެކެވެ.