މިދިޔަ އަހަރު ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ހާފިޒުން ދަސްވެނިވުމުގެ ހަފްލާގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމުގެ ދާއިރާއަށް ވަރަށް މުހިއްމު އިސްކަމެއް ދެއްވި ކަމަށާއި އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އިނާމުތައް މަތިކުރެއްވިއިރު، ޙާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރެއްވި ކަމަށެވެ.
"މިދިޔަ އަހަރު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ކުރެވިފައި،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ކީރިތި ޤުރުއާނަށް ޚިދުމަތް ކުރުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރުމުގެ ކަންތައްތައް މުޅި ރާއްޖެއަށް ފެތުރުމުގައި ރާއްޖެ ދެކެމުން ދަނީ ވަރަށް ހެޔޮ ދުވަސްތަކެއް ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި މިގޮތުން މި އަހަރު 50 ގޮފި އުފެއްދުމަށް މަސައްކަތް ކުރެވެމުންދާކަން ޝަހީމް ފާހަގަކުރެއްވި އެވެ. މީގެ ތެރެއިން 6 ގޮފި ރަޖިސްޓްރީކުރެވިފައިވާއިރު، 34 ގޮފި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ޝަހީމްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ޖީލުތަކަށް އިސްލާމީ ރިސާލަތު ވާޞިލްކޮށްދިނުމަށްޓަކައި އަދުގެ ޒުވާން ޖީލު ޙާފިޒުންގެ ގޮތުގައި އަދި އިމާމުންގެ ގޮތުގައި، ތެދުވަން ޖެހޭކަމަށް ވިދާޅުވެ ޒުވާނުންނަށް އެކަމަށް އިލްތިމާސްކުރެއްވި އެވެ. އަދި އުއްމަތް ބިނާކުރުމުގައި އަދި ޤައުމު ބިނާކުރުމުގައި އަދި ޤައުމު ތާއަބަދަށް އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި މިފަދަ ޙާފިޒުން ބިނާ ކުރަން ޖެހޭކަން ވެސް ފާހަގަކުރެއްވި އެވެ.