Last Updated: June 7, 17:32
Sunday, June 7, 2026
ދުނިޔެ

އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ބަޔަކު މަރުވެއްޖެ

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކަށް އީރާނުން ރައްދުގައި ދިން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ބަޔަކު މަރުވެއްޖެ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ހަމަލާތަކުގައި އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އާއި އިރާނުގެ ބައެއް އަސްކަރީ ކޮމާންޑަރުން ވަނީ އަވަހާރަކޮށްލާފަ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ އިރާނުން ދިން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވެ، ފަސް އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. މިއީ އިރާނުން ކޮން ތަނަކަށް ދިން ހަމަލާއެއްގައި މަރުވި ސިފައިންތަކެއް ކަމެއް ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައެއް ނުވެ އެވެ.

އިރާނަށް ބޮން އެޅުން ހުއްޓާ ނުލާނެ ކަމަށާއި މެދުއިރުމައްޗާއި މުޅި ދުނިޔެއަށް ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ހިފާފައިވާ އަމާޒު ހާސިލުވަންދެން މި ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.