Last Updated: June 7, 17:32
Sunday, June 7, 2026
ދުނިޔެ

އިރާނަށް ހަމަލާދޭން "ޑިއޭގޯ ގާސިއާ" ބޭނުންކުރަން ހުއްދަ ދީފި

އިރާނަށް ހަމަލާތައް ދިނުމަށް އައްޑޫ ސިޓީގެ ދެކުނުގައި އޮންނަ ޑިއޭގޯ ގާސިއާ އެއާބޭސް ބޭނުންކުރަން އިނގިރޭސިވިލާތުން އެމެރިކާއަށް ހުއްދަ ދީފި އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮންނަ އެއްބަސްވުމުގެ ދަށުން އެއްވެސް ގައުމަކަށް ހަމަލާދޭން ޑިއޭގޯ ގާސިއާ ބޭނުންކުރާނަމަ އުސޫލެއްގެ ދަށުން އިނގިރޭސިވިލާތުގެ ހުއްދަ ހޯދަންޖެހެ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވީ އެމެރިކާއިން އެދިފައިވާ ގޮތަށް އިރާނަށް ހަމަލާތައް ދިނުމަށް ޑިއޭގޯ ގާސިއާ އާއި އިނގިރޭސިވިލާތުގެ ފެއާފޯޑް އެއާފީލްޑް ބޭނުންކުރަން ހުއްދަ ދީފައިވާ ކަމަށާއި އެމެރިކާއަށް މި ހުއްދަ ދޭން ނިންމީ އިރާނުން އިނގިރޭސިވިލާތުގެ މަސްލަހަތުތައް ހިމެނޭ ތަންތަނަށް ހަމަލާތައް ދެމުންދިޔުމާއި އޭގެ ސަބަބުން އިނގިރޭސި ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާތީ ކަމަށެވެ.

މި ހުއްދަ ދިން ނަމަވެސް އިނގިރޭސިވިލާތުން މި ހަނގުރާމައިގެ ތެރެއަށް އެއްގޮތަކަށް ވެސް ނުވަންނާނެ ކަމަށްވެސް ސްޓާމާ ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ހަމަލާތަކުގައި އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އާއި އިރާނުގެ ބައެއް އަސްކަރީ ކޮމާންޑަރުން ވަނީ އަވަހާރަކޮށްލާފަ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.