އީރާނުގެ ޤުދުސް ފޯސްގެ ވެރިޔާ އިސްމާޢީލް ޣަނީ މިހާތަނަށް ބެލެވެމުން އައީ އެ ޤައުމުގެ ވަރަށް ވަރުގަދަ ޤައުމީ ބަޠަލެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އީރާނުގެ ރޫޙީ ލީޑަރ ސައްޔިދު ޢަލީ ޚާމަނާއީ ޝަހީދުކޮށްލި ހާދިސާއަށް ފަހު ރާގު މުޅިން ބަދަލުވެއްޖެއެވެ. ޒަޔަނިސްޓް އިޒުރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާއިން ޚާމަނާއީ ޝަހީދުވީއިރު ޖެނެރަލް އިސްމާޢީލް ޣަނީ ހަނިގޮތަކަށް ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ. އެ ހަމަލާ ދީފައި ވަނީ އޭނާ ޚާމަނާއީއާ ބައްދަލު ކުރެއްވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
މިކަން އީރާނުގެ ސަލާމަތީ ޚިދުމަތްތަކުގެ ސަމާލުކަމަށް އައީ ފާއިތުވި ތަނުގައި ދީފައިވާ ގިނަ ހަމަލާތަކަކުން މިގޮތަށް ޖެނެރަލް ޣަނީ ސަލާމަތްވެ ވަޑައިގެންފައި ވާތީއެވެ.
މިހާރު ހޯދާފައިވާ މަޢުލޫމާތުތަކުން އީރާނަށް ގަބޫލުކުރެވިފައި ވަނީ ޖެނެރަލް ޣަނީ އަކީ އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާޑުގެ އެޖެންޓެއް ކަމަށެވެ. އެހެންކަމުން މިހާރު ޖެނެރަލް ޣަނީ ވަނީ އެކަމަށް ޝައްކު ކުރެވޭތީ އީރާން ރިވޮލިއުޝަނަރީ ގާޑް ކޯޕްސް ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިހާތަނަށް އެއްކުރި މަޢުލޫމާތުތަކުން އެނގިފައި ވަނީ ފަހަކަށް އައިސް އިޒުރޭލުން ޝަހީދުކޮށްލި ވަރަށް ގިނަ އިސް ލީޑަރުން ޝަހީދުކޮށްލާފައި ވަނީ ޖެނެރަލް ޣަނީ އެ ބޭފުޅުންނާ ބަދަލު ކުރެއްވިތާ ކުޑައިރުކޮޅެއް ފަހުންކަމެވެ.

މިގޮތުން ހިޒުބުﷲގެ ލީޑަރު ޙަސަން ނަޞްރުﷲ އާއި ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލި ވަރުގަދަ ކުއްލި ހަމަލާ ވެސް އިޒުރޭލުން ދީފައި ވަނީ މި ދެ ބޭފުޅުންނާ ވެސް ޖެނެރަލް ޣަނީ ބައްދަލުކުރެއްވިތާ ކުޑަ އިރުކޮޅެއް ފަހުން ކަމަށްވެއެވެ. އަދި މިދިޔަ އަހަރު ކުރެވުނު 12 ދުވަހުގެ ހަނގުރާމައިގައި އިޒުރޭލުން ޝަހީދުކޮށްލި އީރާނުގެ ހުރިހާ އިސް ބޭފުޅުންތައް ވެސް ޝަހީދުކޮށްލީ ހަމަލާތައް ދިނުމުގެ ކުޑަ ހިނދުކޮޅެއް ކުރިން ޖެނެރަލް ޣަނީ އެ ބޭފުޅުންނާ އެކު ހުންނަވާފައި ވަޑައިގަންނަވާތާ ކުޑައިރުކޮޅެއް ފަހުންނެވެ.
ޖެނެރަލް ޣަނީ މިވީ، އޭނާގެ ޤައުމާއި ވެރިންނަށް ތެދުވެރިކަމެއް، ވަފާތެރިކަމެއް އަދި އިޚުލާޞްތެރިކަމެއް ނެތް ޚާއިނަކަށެވެ. ކުރެވެނީ އެ ތުޚުމަތެވެ. އޭނާގެ އަސްކަރީ ޔުނިފޯމާއި އިސް މަގާމާއި ޖަހާފައި ހުރި ޝަރަފުގެ ނިޝާންތަކުގެ ނިވަލުގައި ހުންނަވައި ޤައުމަށް ވެވަޑައިގަތީ ޣައްދާރެވެ.
ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުމެކެވެ.