Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ސުކޫކް ދައްކާކަށް އެއްވެސް ދައްޗެއް ނެތް: ރައީސް

ސަރުކާރުން ދައްކަން ޖެހޭ ސުކޫކު ދައްކަން އެއްވެސް ދައްޗެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މީހާރު ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އަންނަ އެޕްރީލްގައި ސުކޫކު ދައްކަން ޖެހޭ އިރު، މިހާރު މި ވަގުތު އެ ދައްކަން ޖެހުނަސް އެކަމަށް ބޭނުންވާ ފައިސާ އެބަހުރި ކަމަށެވެ. އެގޮތުން ސުކޫކަށް 500 މިލިއަން ޑޮލަރު ދައްކަހް ޖެހޭ އިރު، މިހާރު ވެސް އެ ފައިސާ ދައްކައި އިތުރުވާ ވަރަށް ވެސް ފައިސާ އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ސުކޫކް ދައްކަން 650 މިލިއަން ރުފިޔާ އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ އެ
އެސްޑީއެފްގައި ހުރި 320 މިލިއަން ޑޮލަރާއި ބޭނުންކުރެވޭ ރިޒާވްގައި ހުރި 330 މިލިއަން ޑޮލަރު ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ސުކޫކަށް ދައްކަން ޖެހޭ ފައިސާ އަންނަ މަހުގެ 8 ގެ ކުރިން ދައްކަން ޖެހެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުސާދު މެނޭޖް ކުރަމުން އަންނަނީ ބޭރުގެ ދަރަނިތައް ދެއްކޭ ގޮތަށް ކަމަށާއި ދައުލަތުގެ ރިޒާވަށް އިތުރުވަމުން އަންނަ ފައިސާ އިން ވެސް އެކަން ދައްކުވައިދޭ ކަމަށެވެ. އެހެންވެ ދަރަނި ދައްކަން އެއްވެސް އިރެއްގައި ސަރުކާރެއް ދައްޗެއް ނެތް ކަމަށާއި ކަންކަން ކުރިއަށް ގެންދަނީ ވަރަށް ރަނގަޅު އިންތިޒާމުތަކެއްގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖެއިން ބޭރަށް ދައްކަން ޖެހޭ ދަރަނި، އެތެރޭގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކޭނެ އުސޫލަކުން އަޅުގަނޑުމެން ކަންކަން ރާވައިގެން ކުރިއަށް މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ގްރޮސް ރިޒާވްގައި ވެސް މިހާރު ވެސް 1.7 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.