ރާއްޖެ އަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ހާލަތު ވަރަށް ގާތުން ރާއްޖެއަށް ބަލަމުން އަންނަ ކަމަށާއި ރާއްޖެ އަށް ތެލާއި ކާބޯތަކެތި ގެނައުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިއަދުގެ ނޫސް ކޮންފަރެންސްގައި ވިދާޅުވީ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެއަށް ކުރާ އަސަރު ދެނެގަނެ އަދި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ ޚާއްޞަ ކޮމެޓީއެއް ވެސް އެކުލަވާލައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، ކޮމެޓީން ކަމާއި ގުޅުންހުރި ހުރިހައި ދާއިރާއަކުން ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ، މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެދާނެ ދަތިތައް ބަލަމުންދާ ކަމަށެވެ. އަދި މިވަގުތު ތެލާއި ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"ތެލަށް އިރާދަކުރެއްވިއްޔާ އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް އަޅުގަނޑުމެންނަކަށް ދިމަލެއްނުވޭ. އަޅުގަނޑުމެންނަށް ހަމަ ރަނގަޅަށް އެކަން އޮތީ ހަމަޖެހިފައި. އެއްވެސް ވަރަކަށް ތެޔޮ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ނުލިބޭނެ ކަހަލަ ގޮތަކަށެއް އަދި ނެތް އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ކަހަލަ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ. ތެލުގެ އިޝޫއެއް ނެތް. ކާބޯތަކެތީގެ އިޝޫ އެއްވެސް ނެތް." ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިޤްތިޞާދަށް މިކަމުން ކުރަމުންދާ އަސަރު ބަލާ ކުޑަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މެދުއިރުމަތިން ޓްރާންސިޓްކޮށް އަންނަ ފްލައިޓްތައް އެހެން ގޮތަކަށް ރާއްޖެއަށް އާދެވޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި އެއާލައިންތަކާއި އެޖެންޓުންނާއި ވާހަކަ ދައްކައި މިހާރު ބައެއް ފްލައިޓްތައް އެގޮތަށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.