Last Updated: July 14, 12:00
Tuesday, July 14, 2026
ޚަބަރު

ފްލެޓް މީހުންނަށް ފައިސާ ދިނުމަކީ ރިޝްވަތެއް ނޫން

މާލޭގެ ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގައި އުޅޭ މީހުންގެ ޖޫރިމަނާ އެއްކޮށް މާފުކޮށްދީ، އެ މީހުންނަށް 100،000ރ. ގެ އިނާޔަތެއް ދޭން ނިންމުމަކީ ރިޝްވަތުކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ މިއަދުގެ ނޫސް ކޮންފަރެންސްގައި ވިދާޅުވީ އެ ފައިސާ ދިނުމަކީ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ކަމެއް ކަމަށާއި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ދުވަސްވަރު ވެސް އެ ވާހަކަ ދައްކަވާފައިވާނެ ކަމަށެވެ.

އަދި ސިނަމާލެ 1 ހުޅުވައި މީހުން އުޅެން ފެށި ފަހުން ސިނަމާލެ އައޮ އަދި މާލެހިޔާގެ ފްލެޓުތައް މަރާމާތު ކުރުމަށް ކުރީފގެ ސަރުކާރުތަކުން ބޮޑު މަސައްކަތެއް ކޮށްފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"މި ތަންތަން ހުރީ މީހުންގެ ބޯމައްޗަށް ވެއްޓޭ ހިސާބުގައި. އެހެންވީމާ އަޅުގަނޑު ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ވައުދުވީ." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ ފައިސާ ދިނުމަށް ކެބިނެޓުން ނިންމީ މި އަހަރުގެ ޖެނުއަރީ މަހު ކަމަށާއި އެ މަސައްކަތް ތަންފީޒު ނުކުރެވި އޮތީ މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ.

"ބައެއް ފަރާތްތަކުން އަމިއްލަ ވެސް މަރާމާތިކޮށްފައި ހުރި ތަންތަން އެއީ." ރައީސް ވިދާޅުވި އެވެ. "އެތަންތަން މަރާމާތުކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެއް. ރައްޔިތުން ބިކަ ހާލުގައި ޖައްސައިގެން އުޅުމަކީ ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން."

ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާއެކު މިދިޔަ މަހުގެ 17 ގައި ރައީސް މުއިއްޒު ބޭއްވި ބައްދަލުވުމުގައި އެ ރައްޔިތުންވަނީ އެ ފްލެޓްތަކުގެ ހާލަތާއި ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވެ އެވެ. އެގޮތުން އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން ރައީސް ވަނީ، ރައީސް އޮފީހުން ބުނި ގޮތުގައި، ސިނަމާލެ 1، 2، 3 އަދި 4 އާއި މާލެހިޔާ 1 އަދި 2ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދޭން އޮތީ ނިންމައިފަ އެވެ.

ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެ ކަމަށް ހައްލެއް ހޯއްދައި ނުދެވި ގިނަ ދުވަސްވެފައި ވާތީ، މި ފްލެޓްތަކުގެ މީހުންނަށް އިނާޔަތެއްގެ ގޮތުގައި ދޭން ނިންމާފައި ވަނީ 100،000ރ. އެވެ. ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަން ޖެހޭ ޖުމުލަ އަދަދު 100،000ރ. އަށް ވުރެ ބޮޑުވާ ނަމަ، 100،000ރ އާ ހަމައަށް އުނިކުރަން ވަނީ ނިންމައިފަ އެވެ. އަދި ފްލެޓަށް ދައްކަން ޖެހޭ ޖުމްލަ އަދަދު 100،000ރ. އަށް ވުރެ ކުޑަ ނަމަ، އެ މިންވަރެއް މާފުކޮށް ދިނުމަށް ފަހު، އެ އަދަދުން ބާކީވާ މިންވަރެއް ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފްލެޓް މިލްކުކުރަން ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000ރ. އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދޭން ވެސް އޮތީ ނިންމައިފަ އެވެ.