އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާއާ އެކު، ބަތަލާ ރަވީނާ ޓަންޑަން ފިލްމެއް ކުޅެން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ މި ފިލްމަކީ ނެޓްފްލިކްސްއާ ގުޅިގެން ޑައިރެކްޓަރު ޝަރަތު ކަތަރިއާ ހަދަން ނިންމާފައިވާ ޑްރާމާ ފިލްމެއް ކަމަށެވެ. އޭނަ އަކީ ޔާޝްރާޖް ފިލްމްސްގެ 2018 ގެ 'ސުއީ ދާގާ' އާއި 2015 ގެ 'ދަމް ލަގޭ ހައިޝާ' ގެނެސްދިން ޑައިރެކްޓަރެވެ.
މީޑިއާތަކުން ބުނި ގޮތުގައި ޝަރަތުގެ އާ ފިލްމު ރަވީނާ އާއި ކަޕިލް އަށް ހުށަހަޅައި މަޝްވަރާތައް ދަނީ ކުރިއަށެވެ. ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.
ނުވަދިހައިގެ ތެރޭގައި ބޮލީވުޑްގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ރަވީނާ، 51، މިހާރު ފިލްމުތަކުން އާންމުކޮށް ފެންނަނީ ސަޕޯޓިން ރޯލުތަކުންނެވެ. އެގޮތުން އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'އިން ގަލިޔޯ މޭ' އެވެ. މި އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ 'ވެލްކަމް ޓޫ ޖަންގަލް' އިން ވެސް ރަވީނާ ފެންނާނެ އެވެ.
އަމިއްލަ ނަމާ ގުޅުވައިގެން ނެޓްފްލިކްސްގެ 'ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ' ހޯސްޓް ކުރަމުން އަންނަ ކަޕިލް އަކީ ވެސް މަދުމަދުން ފިލްމުތައް ކުޅެމުން އަންނަ އެކްޓަރެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު 'ކިސް ކިސްކޯ ޕިޔާރު ކަރޫ 2' އެވެ. ކަޕިލްގެ ކުރިއަށް އޮތް ފިލްމަކީ މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރްގެ މަންމަ ނީތޫ ސިންގް އާއި ދައްތަ ރިދިމާ ކަޕޫރާ އެކު ކުޅެފައިވާ 'ދާދީ ކީ ޝާދީ' އެވެ.