Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ގައުމުތަކުގެ ހާލަތަކީ މިހާރު މިއެވެ!

ޖެހިގެން ހުރި ގޭގެ ގޯތި ތެރެއަށް ވަނދެ ތިބެ ހުސޭނު ބޮލަށް ގާ އުކަންޏާ އެ ގޭގެ ގޯތި ތެރެއަށް ގާ އުކަން ހުސޭނަށް ވެސް މަޖުބޫރު ވާނެ އެވެ.

އިސްރާއީލުގެ އިތުރުން ކައިރީގައި ތިބި ޢަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ ހާލިތަކަށް ވެސް އީރާނުން އަންނަނީ ވަރުގަދަ އަށް ޙަމަލަ ދެމުންނެވެ.

މިގޮތަށް ޙަމަލަ ދޭން ފެށުމުން އެމެރިކާއިން ކުރި ކަމަކީ އެ މިލިޓަރީ ބޭސްތަކުގައި ތިބި ބަޔަކު ވިއްޔާ އެ ރަށްރަށުގެ ހޮޓާ ތަކާއި އަދި ޢާންމު ސިވިލިއަނުން އުޅޭ ހިސާބުތަކަށް ބަދަލު ކުރީއެވެ. އާދެ، އެރަށް ރަށުގެ ޢާންމު ރައްޔިތުން އައްޑަނަޔަކަށް ނުވަތަ "ހިއުމަން ޝީލްޑް" ތަކަކަށް ހެދީއެވެ. މިލިޓަރީ ބޭސް ތަކުގެ އިތުރުން އެމެރިކާގެ މީހުން ވަނދެ ތިބިކަމަށް އެނގޭ ބައެއް ތަންތަނަށް ވެސް އީރާނުން އަންނަނީ ޙަމަލަ ދެމުންނެވެ.

މިހެން ވާން ފެށުމުން "މުސްލިމް ޢަރަބި ގައުމު ތަކަށް އީރާނުން ޙަމަލަ ދެނީއޭ" ބުނާ މީހުނަށް ވިސްނޭފަދަ މިސާލެއް ދެންނެވޭތޯ ބަލަމާ ހިންގަވާށެވެ.

އީރާނުގޭ ހުސޭނަކީ އަމިއްލަ ޙާލާއިގެން އުޅޭ މީހެކެވެ. ތަންގަނޑު މީހުން އާދައިގެ ގޮތަކަށް އުޅެނިކޮށް އެ ހިސާބުގަނޑަށް "ކުފުރާ" އޭ ކިޔޭ މާ ނުބައި ޕާޓޭ އެއް އަތުވެއްޖެވެ. މީނާ ގުޅިފައިވަނީ "މަބޮޑޭ " އޭ ކިޔޭ ގޭންގު މީހަކާއެވެ. ތަންތަނުން ވައްކަންކޮށް، ފޭރި، އަންހެން ކުދިންނާއި ބެހި، މީހުންގެ ގަޔަށް ވަޅި ޖަހާ އުޅެނީ މި ދެމީހުން އެއްބައި ވެގެންނެވެ.

މި މީހުންނާ އެއްބައިވާ "ދޮނާ ގޭންގް" އޭ ކިޔާ ގޭންގެއްވެސް އޮވެއެވެ. މަބޮޑޭމެން ނުބައެއް ހިންގަންޏާ މި ގުރޫޕްވެސް އަންނާނެއެވެ.

އެ ހިސާބު ގަނޑުގައި މަގްދިސް ކިޔާ ގެއެއް ހުރެއެވެ. އެގޭގައި އުޅެނީ މުސްކުޅި ބަލިކަށި އަޅުވެރި ދެމަފިރިއަކާއި އެމީހުންގެ ކުދިން ކޮޅެވެ. ދޮނާ ގޭންގްގެ މީހުންގެ އިސްނެގުމާއި، މަބޮޑޭ ގެ އެހީތެރި ކަމާއިއެކު ކުފުރާ އައިސް މިގެއަށް ވެރިވެގެންފިއެވެ. އޭގޭގެ މީހުންނަށް ބިރުދައްކައި އަނިޔާކޮށް އެމީހުން ގެއިން ނެރެލައިފިއެވެ. ބަލަ ތިހެދީ ކިހިނެއްހޭ މީހުން އެހީމާ ކުފުރާ ހީލާފައި ބުނަނީ މިއީ 3000 އަހަރު ކުރިން އޭނާގެ ކާބަފައިން އުޅުނު ތަނެއް ކަމުގައެވެ.

ކައިރީގައި ތިބި އަވައްޓެރިން މިކަމާއި ނުރުހުނަސް މާ ބޮޑު އެއްޗެކޭ ބުނާކަށް ނުކުރެ އެވެ. އަމުދުން ކަމަކަށްވާ ފަދަ ކަމެއް ކުރާކަށް ނުކެރެއެވެ. އަހަރު ތަކާއިއެކު ކާރީގައި ތިބި އަވައްޓެރިން ކުފުރާގެ ނުބައި ނުލަފާ ކަމަށް ބިރުން އޭނާ ރުއްސައިގެން، ގޭގައި ރަނގަޅު އެއްޗެއް ކައްކައިފި ނަމަ ކުފުރާއަށް ފޮނުވައިގެން ސުލްޙައިގައި އުޅެން ފަށައިފިއެވެ. ކުފުރާ އުޅެނީ އޭނާގެ ނުލަފާކަން މަތީގައެވެ. މީހުން ގަޔަށް ވަޅި ޖަހައި، މީހުނަށް އަނިޔާ ކުރަމުން ދެއެވެ.

އެ ހިސާބުގަނޑުގެ ގެތަކުގެ ތެރެއިން ރިޔާޟު ވިލާ "ކީހޭ" އާއި، ދާއްބަ އުފާ މޮހޮދޭ އާއި، ކަނޑު މަތީގޭ މީހުންނާއި، އުރުދުނީ ވިލާ ގޭ މީހުންނާއި ދެންވެސް ތިބި އެހެން ގެތަކުގެ މީހުން ކުފުރާއާއި މާބޮޑަށް ގުޅިއްޖެއެވެ. އަދި މަ ބޮޑޭ ވެސް އެމީހުންގެ ގެޔަށް ގެނެސް ސައިދީ، އޭނާގެ ޙިމާޔަތް ހޯދައި، "ޗަންދާ" ދައްކައި، އޭނާއާ އެކުގައި ތާސްކުޅެ ހަދަން ފަށައިފި އެވެ.

ހިސާބުގަނޑުން އެ ފާޑަށް އުޅެން ދެކޮޅު ހެދީ އީރާނުގޭ ހުސޭނެވެ. ކުފުރާ އާއި މަބޮޑޭ ދެކެ އޭނާ އިންތިހާޔަށް ރުޅި އާދެއެވެ. މަގުމަތިން ދިމާވެގެން ޒުވާބު ކޮށް ހަދައެވެ.

ކުފުރާ އުޅޭ ގޭގެ ކާރީގައި އުޅޭ އޭނާގެ ބަސްއަހާ ބަޔަކު ލައްވައި ކުފުރާއަށް ހިސާބަކަށް ޖެއްސުން ކުރުވަންވެސް ފަށައިފިއެވެ. އިސާހިތަކު ހުސޭނާއި ކުފުރާއާއި މާބޮޑަށް މައްސަލަ ޖެހި އަރައިރުންވާ ހިސާބަށް ހިނގައްޖެއެވެ. މިިހިސާބަށް ދިއުމުން ކުފުރާ އާއި މަބޮޑޭ އެއްބައިވެ ހުސޭނު މަރާލައި އޭނާގެ ޢާއިލާޔަށް ގޯނާކޮށް އޭނާގެ ގެ އަންދާލުމަށް ރާވައިފި އެވެ. މި ކަންތަކުގައިި އެތަންގަނޑު މީހުނާ ވެސް މަޝްވަރާކޮށް އެ މީހުން ވެސް ބައިވެރި ކުރުވައިފި އެވެ.

އެއް ދުވަހަކު ކުފުރާ އާއި މަބޮޑޭ ކުއްލިއަކަށް ހުސޭނުގެ ގެޔަށް ގަލާއި އަލިފާން ބޯޅަ އުކަން ފަށައިފިއެވެ. ބަޑިވެސް ޖަހަނީއެވެ. ކުފުރާ މިކަންތައް ކުރަނީ އޭނާގެ ގޭގައި އޮވެގެންނެވެ. މަބޮޑޭ ގެ ގޭންގުން އެއްޗެތި އުކައި، ބަޑި ޖަހަނީ ރިޔާޟު ވިލާ އާއި، ދާއްބަ އުފާ އާއި ކަނޑުމަތީގެއާއި ތަންގަނޑު އެހެން ގެތަކުގެ ގޯތި ތެރޭގައި ތިބެގެންނެވެ. ގާގަނޑަކުން ޖެހި ހުސޭނުގެ މުސްކުޅި، އަޅުވެރި ބައްޕަ ޢަލީ ނިޔާވެއްޖެއެވެ.

ހުސޭނު ވެސް މަޑަކުން ނުހުރެއެވެ. އޭނާ ވެސް ހުރީ ވެވުނު ތައްޔާރެއް ވެގެންނެވެ. އަތުޖެހުނު އެއްޗެއް އޭނަ ވެސް އުކަން ފަށައިފިއެވެ. ކުފުރާ އުޅޭ ތަނަށާއި، މަބޮޑޭގެ ގޭންގު މީހުން ވަނދެ ތިބި ގެ ތަކުގެ ގޯތި ތެރެއިން އެ މީހުން ތިބި ދިމަދިމާލަށްވެސް ގާ އުކަން ފަށައިފިއެވެ. މިހިނދުން އެ ގެތަކުގެ މީހުން ބަލަ އަހަރެމެން ކީއް ކުރީހޭ، އަހަރެމެންގެ ގޯތި ތެރެއަށާއި ފުރާޅަށް ދާންދެން ގާ ތިޔަ އުކަނީ ކިޔަން ފަށައިފިއެވެ.

އީރާނާއި ފަލަސްޠީނާއި، އިސްރާއީލާއި، އެމެރިކާ އާއި، ޔޫރަޕާއި މެދުއިރުމަތީ ޢަރަބި ގައުމުތަކުގެ މިސާލަކީ މިއީ އެވެ.

ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.