Last Updated: July 14, 12:00
Tuesday, July 14, 2026
ޚަބަރު

މި ސަރުކާރަށް ހުދުމުޚުތާރޭ ނުކިޔޭނެ: ރައީސް

މި ސަރުކާރަށް އަމާޒުކޮށް ހުދުމުޚުތާރު އެ ބަސް ބޭނުން ވެސް ނުކުރެވޭނެ ކަމަށާއި އެ ބަސް ރައްދު ވަނީ ކުރީގެ ސަރުކާރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިދިޔަ އަހަރު ބޭއްވި ދިގު ނޫސް ކޮންފަރެންސަށް ފަހު، ފުރަތަމަ ފަހަރަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮމްފަރެންސްގައި ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ ގާތަށް އޮޅުން ފިލުވައި ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ.

މި ސަރުކާރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ވޯޓެއް ނަގަން ނިންމި ރައީސްގެ ވެރުކަން ދަންމައި ހުދުމުޚުތާރުކޮށް ކަންކަން ކުރަން ކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިޔަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ ހުދުމުޚުތާރު ބޭފުޅެ އްނަމަ އިދިކޮޅު ސިޔާސީ ވެރިން މިހާރު ތިބޭނީ ޖަލުގައި ކަމަށެވެ.

ނަމަވެސް މި ސަރުކާރުން އެއްވެސް ސިޔާސީ ލީޑަރަކު ޖަލައްލާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ހުދުމުޚުތާރު އެ ބަސް ބޭނުން ކުރަންޏާ ބޭނުން ކުރައްވާނީ ކުރީގެ ސަރުކާރުތަކަށް. މި ސަރުކާރާ ދެކޮޅަށް ބޭނުން ކުރެވޭނެ ބޭނުން ކުރަން ހިތައްވެސް އެރުވޭނެ ބަހެއް ނޫން، ރައީސް ވިދާޅުވި އެވެ. "ހުދުމުޚުތާރު ވެގެެން ކުރާނެ ކަމެއް ނޯންނާނެ. އޭގެ ބަދަލުގައި ރައްޔިތުންނާ އެކު މި ސަރުކާރުން މަސައްކަތް ކުރާނީ. ރައްޔިތުން ގާތަށް ގޮސް މަސައްކަތް ކުރާ ސަރުކާރެއް މިއީ."

އެމަނިކުފާނު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވާ ކަމަށާއި، ވަކިވަކިންނާއި ޖަމާއަތްތަކުގެ އިތުރުން މުއައްސަސާތަކާއި ކައުންސިލްތަކާއި އެތައް ފަހަރަކު ބައްދަލުކޮށް، އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހައި އަމަލީ ސިފަ ގެނެސްދެއްވަމުން ގެންދަވާ ކަމަށެވެ. އެހެންވެ މިއީ ޑިމޮކްރަސީގެ ފުރިހަމަ މިސާލު އެންމެ ފައްކާވެފައިވާ ޒަމާން ކަމަށާއި، މި ރާއްޖޭގައި ލާމަރުކަޒި ނިޒާމާއި ޑިމޮކްރަސީ ނިޒާމް އެންމެ ބޮޑަށް ފައްކާވެ މިނިވަންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވާ ދުވަސް އެއް ދުވަހަަކަށް ހެދުމަށް ނިންމީ ވެސް އެކަން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށެވެ. އަދި ބޭނުން ވަނީ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވާ ޑިމޮކްރަސީއަކަށް ހެދުމަށް ކަމަށް ވިދާޅުވި އެވެ.