ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު އެކަމުގައި ސިޔާސީ އަދި ޤާނޫނީ ފަރާތްތަކާ މަޝްވަރާކޮށްފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
އެ ދެ އިންތިހާބު އެކީގައި ބާއްވަން އުޅޭތީ އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް، ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް ސޯލްޓް ކެފޭގައި ރޭ ބޭއްވި ބައްދަލުވަކަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ ބޮޑޫ ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވި ޚިޔާލު ބަދަލު ކުރެވުނު ކަމަށެވެ.

އެ ބައްދަލުވުމުގައި ގާނޫނުއަސާސީ އެކުލަވާލިއިރު މަސައްކަތް ކުރެއްވި ބޭފުޅުންނާއި، ޤާނޫނީ މާހިރުންނާއި، ރާއްޖޭގައި އެކި ދާއިރާތަކުން އިސް މަގާމުތައް ފުރުއްވާފައިވާ ފުންނާބު އުސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ކުރީގެ އެޓާނީ ޖެނެރަލް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ކުރީގެ ޕީޖީ އަހުމަދު މުއިއްޒާއި ދީނީ އިލްމުވެރިޔާ ޑތ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި ކުރީގެ ނޫސްވެރިއެއް ކަމަށްމާ މުހައްމަދު ސަލީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރުންތަކެއް ވެސް ހިމެނިވަޑައިގަނެ އެވެ.
ފައިސަލް ވިދާޅުވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ބޭނުމުގައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގަން ނިންމާފައިވާ ވޯޓުން ނެރެވޭނެ ނަތީޖާ އަކީ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު އެކައްޗަކަށްވުން ކަމަށެވެ. އަދި ޤާނޫނުއަސާސީއަށް އިސްލާޙް ގެނައުމަށް އެފަދަ ވޯޓެއް ނަގާއިރު ރައްޔިތުންނަށް މި ގެންނަން އުޅޭ ބަދަލާ މެދު މައުލޫމާތުދީ ހޭލުންތެރި ކުރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ގޮތަށް މޓް ނަގަން ނިންމި ނިންމުމުން ވެސް އެކަމުގައި ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަން ހާމަވެގެންދާ ކަމަށް ބޭފުޅުން ފާހަގަކުރެއްވި ކަމަށް ވިދާޅުވި އެވެ.

އެގޮތުން މިކަންކަމުން ހާމަވެގެން ދަނީ ޤާނޫނުއަސާސީ އަކީ ކުޅޭކުޅޭ އެއްޗަކަށް ހަދާފައިވުން ކަމަށް ވެސް އެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު އެކަމުގައި ސިޔާސީ އަދި ޤާނޫނީ ފަރާތްތަކާ އެކު މަޝްވަރާކޮށްފައި ނެތުމަކީ ވެސް ކަންބޮޑުވާ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ. "މިއާއެކު ޤައުމުގައި ހަމަޖެހުން ޤާއިމްކުރުމަށާއި ދައުލަތުގެ ނިޒާމުތައް ރައްކާތެރިކޮށް ޤާނޫނު އަސާސީ ދަމަހައްޓައި ނެގެހެއްޓުމުގައި، ގައުމު އިސްކުރުމަކީ އެންމެންގެ ވެސް ޒިންމާއެއްކަން ޤަބޫލު ކުރަން ޖެހޭ."

ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ގައި ބާއްވާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކީގަ އެވެ.
މި ވޯޓާ މެދު ފައިސަލް ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދަވާ އިރު، އެ މަނިކުފާނު ނިސްބަތްވާ ޕާޓީ، އެމްޑީޕީން އަންނަނީ ރެފަރެންޑަމާ ދެކޮޅަށް މި މަހުގެ 21 ގައި ބޮޑު އެއްވުމއް ވެސް ބާއްވަން ތައްޔާރުވަމުންނެވެ.