ކައުންސިލްތަކުގައި މަސައްކަތް ކުރާނެ އިދާރީ މުވައްޒަފުން ނުލިބޭ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝަރީފް މިހެން ވިދާޅުވީ ވ. ރަކީދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ދެ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެން، ރަކީދޫ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ލިބެމުން ނުދާތީ، އެ ރަށު ރައްޔިތުން މިއަދު ނިކުމެ ކައުންސިލް އިދާރާ ބަންދުކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމާއި އެނޫންވެސް އިޤުތިޞާދީ ފުރުޞަތުތައް ފަހިވެފައިވާ ކުދިކުދި އާބާދީތަކުގެ ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާނެ އިދާރީ މުވައްޒަފުން ނުލިބުމުގެ މައްސަލަ އިތުރުވަމުންދާ ކަމަށެވެ.
"މި މައްސަލަ ހައްލު ކުރުމަށް ގުޅުންހުރި މުއައްސަސާތަކާއެކު މިދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން އަންނަނީ ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން 55 ކައުންސިލް އިދާރާގެ މަސައްކަތްތައް މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.