Last Updated: June 7, 18:23
Sunday, June 7, 2026
ޚަބަރު

ހާމަނާއީ އަވަހާރަކޮށްލުން މައުމޫން ކުށްވެރި ކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިސްވެ އިރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު، އާޔަތުالله ހާމަނާއީ އަވަހާރަކޮށްލުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށްވެރިކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ މުސްލިމެއްގެ ހައިސިއްޔަތުން، އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް ހިންގި ރަޙުމްކުޑަ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"މި ފުން ހިތާމައިގެ ދަނޑިވަޅުގައި، އެމަނިކުފާނުގެ ޢާއިލާއަށާއި އީރާނުގެ ރައްޔިތުންނަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ،" މައުމޫންގެ ޕޯސްޓުގައިވެ އެވެ.

ހާމަނާއީ ،86، އަވަހާރަވުމާ ގުޅިގެން އެގައުމުގައި ގައުމީ ހިތާމައިގެ 40 ދުވަސް ފާހަގަކުރަން ވަނީ ނިންމާފަ އެވެ. އަދި ކުރިއަށް އޮތް ހަތް ދުވަހަށް ސަރުކާރު ވެސް ވަނީ ބަންދުކޮށްފަ އެވެ.

މި ހަމަލާތަކުގައި ހާމަނާއީގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި، ދަރިކަނބަލުންނާއި އޭނާ ފިރިކަލުން އަދި ކާފަ ދަރިކަލެއް ވެސް ވަނީ އަވަހާރަވެފަ އެވެ. އޭގެ އިތުރަށް އިރާނު ސަރުކާރުގެ ބައެއް އިސްވެރިން ވެސް މި ހަމަލާތަކުގައި އަވަހާރަކޮށްލާފައިވެ އެވެ.

އީރާންގެ އެންމެ އިސް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.