އައްޑޫ ސިޓީ އާއި ކެންޔާގެ މުމްބާސާ އާއި އިންޑޮނީޝިއާގެ ޖަކާޓާއާ ދެމެދު އިކޮނޮމިކް ޓްރޭޑް ރޫޓެއް ހަދަން ގެންގުޅުއްވާ ވިސްނުންފުޅު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރައްވައިފި އެވެ.
ނަޝީދު އެކްސްގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، އައްޑުއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ އެ އަތޮޅު ގުދުރަތީ ގޮތުން އުފެދިފައި އޮތް ތަން ކަމަށާއި އެގޮތުން އައްޑޫ އޮތީ އިންޑިއާ ކަނޑުގެ ސީދާ މެދުގައި ކަމަށްވާއިރު، އެއްކޮޅުގައި އެފްރިކާ އަދި އަނެއްކޮޅުގައި އިންޑޮނޭޝިއާއާއި މެލޭޝިއާއާއި ސިންގަޕޫރު ފަދަ ގައުމުތައް ކަމަށެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުން އުފުލާ ވަރަށް ގިނަ މުދާ އުފުލަނީ އިންޑިއާ ކަނޑު ހުރަސްކޮށް ކަމަށްވާއިރު، އިންޑިއާ ކަނޑުގައި އައްޑޫ ހިމެނޭ ގޮތަށް ގްރީން އިކޮނޮމިކް ކޮރިޑޯއެއް ހެދުން މުހިއްމު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މި ކޮރިޑޯ ފަށަން އެންމެ ރަނގަޅު ތަނެއް ކަމަށް އަޅުގަނޑަށް ފެންނަނީ މޮމްބާސާ، ކެންޔާ ދެން އައިސް އައްޑޫން ގޮސް ނިންމަން ޖަކާޓާ، އިންޑޮނޭޝިއާ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، އެ މަނިކުފާނަށް ފެނިވަޑައިގަންނަވަނީ އެ ދެ ސަރަހައްދުން ބޯޓުތަކަށް އާދެވޭ ގޮތަށް އައްޑޫގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް ހަދަން ކަމަށެވެ. އެގޮތުން، އިރުމަތީ އެފްރިކާގެ ގައުމުތަކުން، ޚާއްސަކޮށް ކެންޔާއާއި ސޯމާލިއާގެ ބަނދަރުތަކުން ބޯޓުފަހަރު ގެނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"ހަމަ އެއާއެކީގައި ޖަކާޓާއިން ވެސް ހަމަ އެ ސައިޒުގެ ބޯޓުފަހަރު އައްޑުއަށް އައިސް މުދާ ބަހައްޓައިފައި އައްޑޫއިން، އެފްރިކާއިން ގެނައި މުދާ ހިފައިގެން އަނބުރާ ޖަކާޓާއަށް ދިޔުން އަދި އެފްރިކާއަށް ދާ ބޯޓުފަހަރު ވެސް އަނބުރާ ދާ ދަތުރުގައި ޖަކާޓާއިން ގެނައި، އައްޑޫގައި ބަހައްޓައިފައި ހުރި މުދަލާ އެކުގައި ދިޔުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ގްރީން ކޮރިޑޯއެއްގެ ގޮތުގައި މި ވާހަކަ ދަންނަވަނީ ހުރިހާ ކަމެއް ވެސް ރިނިއުބަލް އެނަޖީއިން ނުވަތަ އިއާދަކުރެވޭނެ ހަކަތައިން ހުރިހާ ކަމެއް ވެސް ހަމަޖެހޭ ގޮތްވުން ކަމަށެވެ.
"އަދި އެހެން ކަންކަން ވެސް ތިމާވެއްޓަށް ބެލުމަށްފަހު ނޫނީވިއްޔާ ނުކުރުން. އަދި ގްރީން އިކޮނޮމިކް ކޮރިޑޯއެއްގެ ގޮތުގައި އައްޑޫއިން މި މަސައްކަތް މުޅި ދުނިޔެއަށް އިއުލާނުކޮށް ފަތުރައި ހެދުން،" ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް އެފްރިކާގައި މިހާރު ދިރިއުޅުއްވާ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެ މަނިކުފާނު ދާދި ފަހުން ކެންޔާގެ ރައީސް ވިލިއަމް ރޫޓޯއާ ބައްދަލުކުރައްވައި، އެ އިކޮނޮމިކް ކޮރިޑޯއާ ގުޅޭ ގޮތުން ވާހަކަދެއްކެވި ކަމަށެވެ. އަދި އެ ވާހަކަފުޅަށް އިޖާބަ ދެއްވައި، ކެންޔާގެ ރައީސް ހުންނެވީ ފީސިބިލިޓީ ޓެސްޓެއް ހަދަން ތައްޔާރަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.