މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ޑްރަގު ނެޓްވޯކެއްގައި މީހުންނަށް ދައުވާ ކުރެވޭ ވަރަށް ހެކި ހޯދިފައި ނުވާތީ، ބަންދުގައި ތިިބި މީހުން ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ލަފާދީފި އެވެ.
އައްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ކޮންމުލި، އަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާން، ހާފިޒް ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ހަސަން އަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުހައްމަދު (23އ) އެވެ.
ޕީޖީ އޮފީހުން މިރޭ ބުނީ އެ މައްސަލައިގެ ތަހުގީގު މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.
އެ މީހުންގެ މައްޗަށް ދެ ތުހުމަތެއް ކުރެވޭ ކަމަށާއި އެއީ "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު" ގެ 720 ވަނަ މާއްދާގެ ދަށުން، ކުށް ކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ އިތުރުން "މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު" ގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގެ ކުށްކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މައްސަލަ ތަހުގީގުކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމާ ހަމައަށް ލިބިފައިވާ ހެކި ގަރީނާ ވަޒަންކޮށް ބެލި އިރު، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން، ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑާކުރިކަން ގާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވެއެވެ" ޕީޖީ އޮފީހުން ބުންޏެވެ.
"މި މައްސަލައިގައި ދައުވާކުރެވޭ މިންވަރަށް މި ވަގުތަށް ހެކި ގަރީނާ ލިބިފައި ނުވާތީ މައްސަލަ ޑިކްލައިންކުރި ނަމަވެސް، އާ ހެކި ލިބިއްޖެ ހާލަތެއްގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ވ) ގެ ދަށުން އަލުން ދައުވާކުރުމަށް އެދި ހުށަހެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ލަފާދީފައިވާނެއެވެ"
ޕީޖީ އޮފީހުން ބުނީ އެކި ފަހަރު މަތިން މި މައްސަލައިގެ ތަހުގީގު މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައިނުވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ކ) ގައި، ތަހުގީގު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދައުވާކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާ ނަމަ، ތަހުގީގީ އިދާރާއިން އެ މީހަކު ބަންދުން ދޫކޮށްލަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މި ނިންމުމާއެކު މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ބަންދުގައި ތިބި މީހުން ބަންދުން ދޫކޮށްލުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ލަފާދީފައިވާނެއެވެ" ޕީޖީ އޮފީހުން ބުންޏެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައި ވަނީ މި އަހަރު މާޗު މަހުން ފެށިގެން ކަމަށެވެ. އަދި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާ ކަމަށާއި އެގޮތުން ފާއިތުވި 5 އަހަރު މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށް ވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.