Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ގާނޫނު އަސާސީއަށް ގެންނަން އުޅެނީ ބޮޑު ބަޣާވާތެއް: އިބޫ

ސަރުކާރުން ގާނޫނު އަސާސީއަށް ގެންނަން އުޅެނީ ބޮޑު ބަޣާވާތެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ ކައުންސިލް އިންތިހާބާއެކު ސިއްރިއްޔާތުގައި ސަރުކާރުން ގާނޫނު އަސާސީއަށް ގެންނަން އުޅެނީ ބަޣާވާތެއް ކަމަށާއި އެހެން ނޫންނަމަ ކައުންސިލް އިންތިހާބުގެ ފަހަތުގައި ސިއްރުން މި ވޯޓުގެ ކަންކަން ގެންދަން ނުޖެހޭނެ ކަމަށެވެ.

"މިއަދު ކުރަން މި އުޅޭ ކަމަކީ ރައްޔިތުންގެ އަޑުކަނޑުވާލާއި، ރައްޔިތުންގެ ބާރު ކަނޑުވާލައި، ބާރުތައް އެއްކޮށް، ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް މި ގައުމު ގެންދަން ކުރާ މަސައްކަތް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި ދެ އިންތިހާބު އެއްކޮށްލުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި މީގެ ފަހަތުން ދެން އަންނަ ކަންތައްތަކާއެކު މުޅި ނިޒާމަށް އަރާ ލޮޅުމާއި މެދު ވިސްނަންޖެހޭ ކަމަށެވެ. ދެ އިންތިހާބު އެކީ ބާއްވައިފިނަމަ ވެރިކަމުގައި ހުންނަވާ ބޭފުޅަކު މުޅި މަޖިލިސް އެކީ ނަންގަވާނެ ކަމަށާއި ނަތީޖާއަކަށް ވެގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު މުޅިން ގެއްލިގެންދިޔުން ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

މީގެއިތުރުން މި ވޯޓާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމަށްވީ ނަމަވެސް އޭގެއިން އެއްވެސް ކަމެއް އެ ކޮމިޝަނުން ވެސް ނުކުރާ ކަމަށް އިބޫ ވިދާޅުވި އެވެ.