މެދުއިރުމަތީގެ ގައުމުތަކުގައި އުޅޭ އެމެރިކާގެ ރައްޔިތުން އެ ގައުމުތަކުން ފޭބުމަށް އެމެރިކާއިން އަންގައިފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ މޯރާ ނަމްދާރް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ތިބި އެމެރިކާގެ ރައްޔިތުން ވީ އެންމެ އަވަހަށް އެ ގައުމުތަކުން ފޭބުމަށް އަންގާފަ އެވެ.
އެ ގައުމުތަކަކީ ބަހްރެއިން، މިސްރު، އީރާން، އިރާގު، އިޒްރޭލު، ފަލަސްތީނު (ހުޅަނގު އައްސޭރި އާއި ޣައްޒާ)، އުރުދުން، ކުވައިތު، ލުބްނާން، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ، ސީރިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޔަމަން އެވެ.
އެމެރިކާއިން މިގޮތަށް އަންގާފައިވާއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިރާނަށް ވަރުގަދަ އިތުރު ހަމަލާތަކެއް ދިނުމަށް އެމެރިކާއިން އަންނަނީ ތައްޔާރުވަމުންނެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ހަމަލާތަކުގައި އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އާއި އިރާނުގެ ބައެއް އަސްކަރީ ކޮމާންޑަރުން ވަނީ އަވަހާރަކޮށްލާފަ އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.