Last Updated: June 7, 13:49
Sunday, June 7, 2026
ދުނިޔެ

ސައުދީގައި ހުންނަ އެމެރިކާ އެމްބަސީއަށް ހަމަލާ ދީފި

ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ އެމްބަސީ އަށް އިރާނުން ހަމަލާދީފި އެވެ.

ސައުދީގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ޑްރޯން ދެ ހަމަލާގެ ސަބަބުން އެ ހަމަލާގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އިމާރާތަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

މި ހަމަލާދިން އިރު އެމްބަސީގައި އެއްވެސް މީހަކު ނޫޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާއާ ގުޅިގެން ސައުދީގައި ދިރިއުޅޭ އެމެރިކާ ރައްޔިތުން ރައްކާތެރިކަން ހޯދުމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިފަދަ ހަމަލާއެއް ދީފައިވާއިރު، މެދުއިރުމަތީގެ ގައުމުތަކުގައި އުޅޭ އެމެރިކާގެ ރައްޔިތުން އެ ގައުމުތަކުން ފޭބުމަށް ވެސް އެމެރިކާއިން މިހާރު ވަނީ އަންގައިފަ އެވެ.

އެ ގައުމުތަކަކީ ބަހްރެއިން، މިސްރު، އީރާން، އިރާގު، އިޒްރޭލު، ފަލަސްތީނު (ހުޅަނގު އައްސޭރި އާއި ޣައްޒާ)، އުރުދުން، ކުވައިތު، ލުބްނާން، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ، ސީރިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޔަމަން އެވެ.

އެމެރިކާއިން މިގޮތަށް އަންގާފައިވާއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިރާނަށް ވަރުގަދަ އިތުރު ހަމަލާތަކެއް ދިނުމަށް އެމެރިކާއިން އަންނަނީ ތައްޔާރުވަމުންނެވެ.