ރާއްޖޭގައި ތަރައްގީ ކުރަން ނިންމާފައިވާ ފުޓްސަލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
އޭނަ ވިދާޅުވީ ބައިނަލްއަަގްވާމީ މުބާރާތްތައް ބޭއްވޭ ގޮތަށް ހަދަން ނިންމާފައިވާ އެ ތަނަކީ ސްޓޭޓް އޮފް ދަ އާޓް މަލްޓި ސްޓޯރީ ކޮމްޕްލެކްސްއެކެވެ.
މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއިފު ވިދާޅުވީ ރާއްޖެއިން ފުރަތަމަ ފަހަރަށް ފުޓްސަލް އިން މިދިޔަ އަހަެު ހޯދި ބައިނަލްއަގްވާމީ ކާމިޔާބީއާއެކު ފުޓްސަލްގެ އިންޑޯ ޕިޗެއް ނެތްކަމުގެ ވާހަކަ އާއި ސަރުކާރުން އެފަދަ ޕިޗެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ވާހަކަ ވަރަށް ގަދައަށް ދެކެވެމުން އަންނަ ކަމަށެވެ.
އެހެންވެ މިހާރު ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެހާ ކަންކަން ހުރީ ހަމަޖެފައި ކަމަށް ވިދާޅުވި އެވެ.
"ހުޅުމާގެ ފޭސް ދޭއްގައި ހެދޭ ފުޓްސަލް އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ފެށިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "އެކަމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު މިވަނީ ނިމިފައި. ބަޖެޓާއި، އެކަން ކުރެވޭނެ ފަރާތްތަކާއި މި ހުރިހާ ކަމެއް މިވަނީ އަޅުގަނޑުމެންނަށް ހަމަޖެހިފައި. ﷲ އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި އެ މަސައްކަތް އަޅުގަނޑުމެންނަށް ފެށިގެންދާނެ."
މިދިޔަ އަހަރު ރާއްޖެ އިން ވަނީ ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.