Last Updated: June 5, 11:07
Friday, June 5, 2026
ކޮލަމް

ހުޅަނގަކީ ޝައިޠާނީ ޙަޟާރަތެއް!

ހުޅަނގަކީ ޝައިޠާނީ ޙަޟާރަތެކެވެ. އެ ޙަޟާރަތުގެ ވެރިކަން ކުރަނީ، ﷲ ގެ ރަސޫލުންގެ ދީން އިބްލީސްގެ "ގްރޭންޑް ސްކީމް" ގެ ތެރެއިން އޮޅުވައިލައި ބަދަލު ކޮށްލައިގެން އުފެއްދުނު ބާރުތަކެވެ.

ވެޓިކަންގެ ބޮޑު ފައްޅި އަކީ، ﷲ ގެ ރަސޫލާ ޢީސާ ޢަލައިހިއްޞަލާތު ވައްސަލާމްގެ ތަޢުލީމާތު އޮޅުވައިލައި، އެކަލޭގެފާނަށް އެނގިވަޑައިގަތުމަކާ ވެސް ނުލައި އެކަލޭގެފާނަކީ ތިންކައުވަންތަ އިލާހެއްގެ އެއްބައި ކަމަށް ހަދައިގެން އުޅޭ ބާޠިލު ނިޒާމެއްގެ ކުރިބޯއްޓެވެ.

ޔޫރަޕުގެ އެކަޑީމިއާ ނުވަތަ ޢިލްމީ ނިޒާމު މިހާރު ޖުމުލަ ގޮތެއްގައި ބައްޓަން ކުރެވި ހިނގަމުން ދަނީ އެމީހުން "އެންލައިޓްންމަންޓޭ" ކިޔާ ނަޒަރިއްޔާތީ އިންޤިލާބެއްގައި، ތަޢާރަފު ކުރި ބާޠިލު ފަލްސަފާތަކެއްގެ މައްޗަށެވެ. ޕޮޒިޓިވިޒަމާއި ރޭޝަނަލިޒަމް ފަދަ ފަލްސަފާތަކެވެ. މި ފަލްސަފާތަކަކީ މާއްދިއްޔަތަށް ގޮސް ހުސް ވެ، ރޫޙާނީ އަދި މާވަރާއީ ޙަޤީޤަތްތަކަށް (spiritual and metaphysical realities) މުޅީން އިންކާރު ކުރުމުގެ ބާޠިލު ފަލްސަފާތަކެކެވެ.

ޔޫރަޕުގެ ބާރުތައް ދެން އޮތީ އިޤްތިޞާދީ ބާރުވެރީންގެ އަތްމަތީގައެވެ. މުއްސަނދި ބޭންކަރުން، ވިޔަފާރިވެރި ބޮޑެތި ޢާއިލާތައް، އަދި ބޮޑެތި ވުނަދާނަ ފަންޑުތަކާއި (investment funds) ކުންފުނިތަކުގެ މިލްކުވެރީން ކަމުގައި ވާ މީހުންގެ އަތްމަތީގައެވެ. މި މީހުން ޤާއިމު ކޮށްފައި ވާ އިޤްތިޞާދީ ނިޒާމަކީ މުޅީން އިބްލީސީ ނަމޫޒަޖުގެ (Iblisian Paradigm) މައްޗަށް އެކުލެވިފައި ވާ ނިޒާމެކެވެ. އެ ނިޒާމުގެ ބިންގާތަކަކީ އިސްތިހްލާކިއްޔަތާއި (consumerism)، ރިބާ އާއި، މުއްސަނދީން މުއްސަނދި ވެ ފަޤީރުން ފަޤީރު ވެ އިޤްތިޞާދީ ޢަދާލަތު މުޖުތަމަޢުތަކާއި ދުނިޔެއިން ނެއްތައިލުމާއި، މުދަލުގެ ދަހިވެތިކަމުގެ ސަގާފަތެއް (a culture of greed for materialistic things) ދެމެހެއްޓުމާއި، އިޝްތިހާރުގެ ނަމުގައި އަންހެނުން އޮރިޔާން ކޮށްގެން ޕެރޭޑު ކުރުމާއި ބޮޑެތި ދޮގުތައް ހަދައި މީހުންނަށް އޮޅުވައިލުން ފަދަ އެތައް ޝައިޠާނީ ޢަމަލުތަކެއްގެ މައްޗަށެވެ.

މިގޮތުން އަދިވެސް އެތައް ކަމެއްގެ މައްޗަށް އިޝާރާތް ކުރެވިދާނެއެވެ. ޔޫރަޕުގެ ސިޔާސީ ނިޒާމެވެ. މީޑިއާއެވެ. ފިލްމާއި މިޔުޒިކުގެ ދާއިރާއެވެ. މިއިން ކޮންމެ ދާއިރާއަކުން، ސީދާ އިބްލީސްގެ އިނގިލީގެ ނިޝާން ފެންނާނެއެވެ. ބަލާ ބަޔަކަށެވެ.

މި ދެންނެވި ގޮތުގެ މަތީން ހިނގަމުން އަންނަ ހުޅަނގުގެ ޙަޟާރަތުގައި އާރާއި ބާރު ލިބޭ ކޮންމެ ޤައުމެއް، ގެންދަނީ ދުނިޔޭގެ އެހެން އިންސާނުންނަށް ނުހަނު ބޮޑެތި އަނިޔާވެރިކަން ދައްކަމުންނެވެ. އަޅުގަނޑުމެންނަށް ޢާއްމުކޮށް މި އިވެނީ އެގޮތުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، އިނގިރޭސި ވިލާތް، ފަރަންސޭސި ވިލާތް، އިޓަލީ ވިލާތް، އަދި ޖަރުމަނު ވިލާތް ފަދަ ބާރުތަކުން ހިންގައިފައި ވާ ބޮޑެތި ޤަތުލުޢާއްމުތަކާއި މިނިކަތިލުންތަކުގެ ވާހަކައެވެ.

ނަމަވެސް ޔޫރަޕުގެ ކުޑަކުޑަ ޤައުމުތަކަކީ ވެސް، ބާރެއް ލިބުނު ކޮންމެ އިރެއްގައި، އިންސާނުންނާ މެދު އަނިޔާވެރި ޖަރީމާތައް ހިންގުމުގައި ޙައްދުފަހަނައަޅައި ދިޔަ ޤައުމެކޭ ބުނެވިދާނެއެވެ. އޭގެ އެއް މިސާލަކީ ކޮންގޯގެ މައްޗަށް މީލާދީން 1860 ގެ އަހަރުތަކުން ފެށިގެން 1970 ގެ އަހަރުތަކާ ހަމަޔަށް ޔޫރަޕުގެ ބެލްޖިއަމުން ވެރިކަން ކުރި ދުވަސްވަރު، ބެލްޖިއަމްގެ ރަސްގެފާނު ލިއޮޕޯލްޑް ދެވަނަގެ އަމުރުގެ ދަށުން ކޮންގޯގައި ހިންގި ބިރުވެރި ޤަތުލުޢާއްމުތަކާއި ޖަރީމާތަކެވެ.

ކުރު ގޮތަކަށް މި ދެންނެވި ޤަތުލުޢާއްމުތަކާއި ޖަރީމާތަކުގެ މައްޗަށް ބަލައިލާނަމެވެ.

1. އެ ދުވަސްވަރު މުޅި ކޮންގޯގެ ވަސީލަތްތައް ބޭނުން ކުރެވެމުން ދިޔައީ ބެލްޖިއަމުގެ އިޤްތިޞާދުގެ، ބެލްޖިޔަމުގެ ރަސްކަމުގެ އަމިއްލަ މުދަލުގެ ގޮތުގައެވެ. ބޭނުން އެއްޗެއް ނަގަމުން ފޭރެމުން ދިޔައީއެވެ.
2. ހުރިހައި ބުރަ މަސައްކަތެއް ކުރުވަމުން ގެންދިޔައީ އަޅުވެތި ކުރެވިފައި ތިބި އެތައް މިލިއަން ކޮންގޯ ރައްޔިތުން ލައްވައެވެ.
3. މަސައްކަތް ކުރާ އިރު، އެ ދުވަހަކު ކޮންމެ މީހަކު ވެސް ކުރާން އަންގައިފައި އޮންނަ މިންވަރަށް މަސައްކަތް ނުކޮށްފިއްޔާ، ދޭ އަދަބުތަކުގެ ތެރޭގައި އަތާއި ފައި ބުރި ކުރުން ހިމެނެއެވެ.
4. ކޮންގޯގެ ކަޅު ރައްޔިތުންނަށް ދެމުން ދިޔަ އެންމެ ބޮޑު އެއް އަނިޔާ އަކީ އަނިޔާވެރި ގޮތްގޮތަށް ރޭޕް ކުރުމެވެ. ރޭޕް ކުރެވުނު އަންހެނުންގެ ޢަދަދު ގުނެނީ ލައްކައިން މިލިއަނުންނެވެ. ޙަޤީޤީ ޢަދަދުތައް ފެންނާކަށް ނެތެވެ. އެހައި ވެސް ގިނައިން އެ ޖަރީމާ ހިންގައިފައި ވެއެވެ.
5. ކޮންގޯގައި ބެލްޖިއަމުގެ ދޮން ސާހިބުންގެ ގަނޑުވަރުތަކުގެ ބަގީޗާތައް ޒީނަތްތެރި ކުރުމަށް، ކަނޑައިލެވިފައި ވާ ކަޅު މީހުންގެ ބޯތައް ބޭނުން ކުރެވުނެވެ.
6. އަންހެނުންނާއި ކުޑަކުދީން މެރުމުގައި، ޞަލީބަށް އަރުވައި މެރުމުގެ އަދަބު ޢާއްމުކޮށް ދެވިފައި ވެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، ޞަލީބަށް އެރުވުމަކީ އިންތިހާ ދަރަޖައިގެ ވޭންހުރި ކަމެކެވެ. ޞަލީބަށް އަރުވައިފައި ވަނީ ޞަލީބެއްގެ ހަތަރު ދަނޑިއަށް، މީހާގެ ހަތަރެސްފައި ނުހަނު ބޮޑެތި ދަގަނޑު އިލި ޖަހައި ހައްޔަރު ކޮށްގެންނެވެ. އެ އިލިތައް ޖަހާ ތަންތަނުން ހަށިގަނޑުގެ ހަމާއި މަހާއި ކަށްޓާއި ނާރުތައް ފުނޑުފުނޑުވެ، އެކަމުގެ ވޭނުގައި މީހާ އެތައް އިރަކު އޮވެ، އިލިތަކުން ތޮރުފޭ ތަންތަނުން މަޑުމަޑުން ލެއި ފައިބަމުން ގޮސް މީހާ މަރު ވަނީއެވެ.

މި ދެންނެވި އަނިޔާތަކުގެ ތެރެއިން، ކޮންގޯގައި މީލާދީން 1885 އިން ފެށިގެން 1908 އާ ދެމެދު، ޢާއްމުކޮށް ޢިލްމީ ލިޔުންތަކުގައި ބުނާ ޢަދަދުން ދަންނަވަންޏާ، 10 މިލިއަން މީހުން މަރައިލައިފައި ވެއެވެ. ބައެއް މަޞްދަރުތަކުގައި އެ ޢަދަދު 15 މިލިއަނާ ހަމަޔަށް އުފުލައެވެ. 10 މިލިއަން ކަމުގައި ބެލިޔަސް، އެއީ ދުވާލަކު 1200 ވަރަކަށް މީހުންނެވެ. ގަޑިއަކު ފަންސާހަކަށް މީހުންނެވެ. ގާތްގަނޑަކަށް ކޮންމެ މިނިޓަކު މީހެކެވެ.

ވިސްނަވާށެވެ! 23 އަހަރު ވާންދެން، އެމީހުން ގެންދިޔައީ ކޮންގޯ އަޅުވެތި ކޮށް، އެ ޤައުމުގެ މުއްސަނދިކަން ފޭރެމުން، ޤައުމުގެ ރައްޔިތުންގެ މީހުން ކޮންމެ މިނިޓަކު މީހަކު މަގުން ކަތިލައި މަރަމުންނެވެ.

މި މީހުންނަށް އަޅުކަން ކުރާ އަޅުގަނޑުމެންގެ ޣައްދާރުންގެ ނުލަފާކަމާއި ޖާހިލުކަމާއެވެ! މި މީހުންގެ ގާތުން އިންސާނީ ޙައްޤާއި ވެރިކަން ކުރާނޭ ގޮތް ދަސް ކުރާން ދުވާ އަޅުގަނޑުމެންގެ މީހުންގެ ބުއްދި މަދުކަމާއި ތަންދޮރު ނުދަތުމުގެ ބޮޑުކަމާއެވެ! — އިންސާނީ ޙައްޤޭ ހެޔޮ ވެރިކަމޭ ކިޔަމުން މުސްލިމުންގެ ގާތަށް އަންނަ އިރު، މި އަނިޔާވެރީންގެ ލަދުޙަޔާތް ކުޑަކަމާއެވެ!

ނޯޓް: މިއީ އަހުމަދު މާޖިދުގެ ލިޔުއްވުމެކެވެ.