Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ވީއެމްސީގެ ރަސްމީ ވޮލެޓަކަށް 'ސްވައިޕް'

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ރަސްމީ ވޮލެޓުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' ހަމަޖައްސައިފި އެވެ.

ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. ވީއެމްސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ/އެމްޑީ އިބްރާހީމް ޝިއުރީ އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ/އެމްޑީ މުހައްމަދު

މި އެއްބަސްވުމާއެކު އެންމެ ފަހުގެ ޓެކްނޮލަޖީގެ އެހީގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް ވީއެމްސީން ބުންޏެވެ. އަދި މި އެއްބަސްވުމަކީ މިދިޔަ އަހަރު ބޭންކާއި ވީއެމްސީއާ ދެމެދު ގާއިމުކުރި ސްޓްރެޓިޖިކް ޕާޓްނަޝިޕްގެ ދަށުން ވި އެއްބަސްވުމެކެވެ.

މި ޕާޓްނަޝިޕްގެ މަގުސަދަކީ، ޓޫރިޒަމް ދާއިރާގައި ޑިޖިޓަލް ކުރިއެރުންތައް އަވަހަށް ފޯރުކޮށް ދިނުމާއި، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ޓޫރިޒަމް ސިނާޢަތުގެ މަޤުބޫލުކަން އިތުރު ކުރުމެވެ.

ގައުމީ ބޭންކުން ދާދި ފަހުން ތައާރަފުކުރި 'ސްވައިޕް' އަކީ ދިވެހީންގެ 100 ޕަސެންޓް އުފެއްދުމެކެވެ.

މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައި ވަނީ، ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަޤުވާމީ ޝަރުތުތަކާއި، މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. އެގޮތުން ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އެވެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.