Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

'ސްކޫޕް' ގޭންގަކަށް ކަނޑައަޅާ މައްސަލަ ސިއްރު

އައްޑޫ ހިތަދޫ ގްރޫޕެއް ކަމަށްވާ ހަރަކާތާތްތެރިވާ 'ސްކޫޕް' އަކީ ގޭންގެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، އާންމުކޮށް ހުޅުވައިނުލާ ކުރިއަށް ގެންދަން ހައިކޯޓުން ނިންމައިފި އެވެ.

މިދިޔަ އަހަރު އަމަލު ކުރަން ފެށީ ގޭންގްތައް ހުއްޓުވުގެ ގާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހުށަހެޅި ފުރަތަމަ ގްރޫޕެއްގެ ގޮތުގައި 'ސްކޫޕް' ގެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ.

އެ މައްސަލަ ބަލާ ހައިކޯޓުގެ ބެންޗު އެ ކޯޓުން އާއްމުކޮށްފައިވާ އިރު، ބެންޗުގައި ހިމެނެނީ، ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲއާއި އަބްދުލްމާނިއު ހުސެއިނާއި އިބްރާހީމް މާހިރެވެ.

އެ މައްސަލަ ރޭ އިބްތިދާއީ ގޮތުން ފަށައިފައިވާއިރު، މައްސަލަ އާއްމުކޮށް ހުޅުވައިނުލާ ކުރިއަށް ގެންދަން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ 'ސްކޫޕް' އަ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހަޅަން ނިންމީ ފުލުހުން ހުށަހެޅި ހެކިތައް ދިރާސާކުރުމަށް ފަހު ކަމަށެވެ. އަދި އެ ގްރޫޕުގައި ގޭންގެއްގެ ޝަރުތުތައް ފުރިހަމަވާ ކަމަށާއި މިހާރު ވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ކަމަށް ޕީޖީ އޮފީހުން ތުހުމަތުކޮށްފައިވެ އެވެ.

އެ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި، އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވުނު ނުވަ މީހަކީ އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި ކަނޑައަޅައިދޭން ހައިކޯޓުގައި އެދިފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވިފައިވާ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" ވެސް އުވާލަން ސްޕޯޓްސް ކޮމިޝަނަރަށް އަމުރުކޮށް ދެއްވުމަށާއި، 'ސްކޫޕް'، "ސްކޫޕު ކަންމަތި" އަދި "އެސްކޭޕީ" ލިޔެފައިވާ ފާރުތަކާއި އެންމެހާ ތަންތަނުން އެ ނަން ފޮހެލަން އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށް ދޭން ވެސް އެދިފައިވެ އެވެ.