Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޕޭޕަލްގެ ހިދުމަތް މިހާރު ޓެސްޓިން މަރުހަލާގައި

ރާއްޖޭގައި ވަރަށް އަވަހަށް ޕޭޕަލްގެ ހިދުމަތް ތައާރަފު ކުރެވޭނެ ކަމަށާއި، މިހާރު ކުރިއަށް ދަނީ ލޯންޗުކުރުމުގެ ކުރިން ޓެސްޓު ކުރުމުގެ މަރުހަލާ ކަމަށް އިކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނަ ވިދާޅުވީ، ވަރަށް އަވަހަށް ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށޭނެތީ އެކަމާ ގުޅޭ ޓައިމްލައިނެއްވެސް ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށެވެ.

"މި ވަގުތު މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ޕޭޕަލްގެ ހިދުމަތް ލިބޭނެ." މިނިސްޓަރު ވިދާޅުވި އެވެ. "ޕޭޕަލްއަކީ ދުނިޔޭގެ ވަރަށް ޕްރެސްޓީޖަސް ޕޭމަންޓް ގޭޓްވޭއެއް. ރާއްޖޭގެ ޕޭމަންޓް ނިޒާމު، ޕޭޕަލް ބޭނުންވާ ވަރަށް ޑިވެލޮޕް ވާން ޖެހޭ. އެމީހުންގެ އޮޑިޓްގެ ތެރޭގައި ޕޭޕަލް ބަލައިގަންނަ ފެންވަރަށް ރާއްޖޭގެ ނިޒާމު ޔަގީންކުރަން އެމީހުން ވެސް ބޭނުން ވާނެ."

ސައީދު ވިދާޅުވި ގޮތުގައި، ރާއްޖެއަ ށް ޕޭޕަލް ލިބޭއިރު، ބައިނަލްއަގްވާމީ އެންމެ އެޑްވާންސްޑް ގައުމެއްގައި ވެސް ޕޭޕަލް ބޭނުންކުރާހެން ރާއްޖޭގައި ވެސް ބޭނުން ކުރެވޭނެ އެވެ.

ރާއްޖެއަށް ޕޭޕާލް ތައާރަފު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން، ރާއްޖެއަށް ޕޭޕަލްގެ އެކްސެސް ހޯދުމުގެ ޕްރޮޕޯސަލް އެ ކުންފުންޏަށް ހުށަހެޅީ 2024 ގަ އެވެ.

ޕޭޕާލް މެދުވެރިކޮށް އިންވާޑް ރެމިޓެންސް ލިބުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުރީދޫ ފިންޓެކަށް ދީފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.