Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ލާމަރުކަޒު ކުރުމުގެ ނަމުގައި ކުރިން ހިންގީ އޮޅުވާލުންތަކެއް

ލާމަރުކަޒު ކުރުމުގެ ނަމުގައި މީގެކުރިން ހުރީ ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައި ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ގަލޮޅު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ އޮޅުވާލުން ފަދަ ކަންކަމަކީ ޕީއެންސީގެ ތެރެއިންވާ ކަންތައްތަކެއް ނޫން ކަމަށާއި ލާމަރުކަޒު ކުރުމުގެ ނަމުގައި މީގެކުރިން ހުރީ ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައި ކަމަށެވެ.

"އޭގެތެރެއިން އަޅުގަނޑުމެނަށް ފެންނާނެ، ކައުންސިލްތަކަށް ބަޖެޓް ދޫކުރަނީއޭ ކިޔާފަ، ބަޖެޓް ދޫކޮށްފަ ބަޖެޓްވެސް ހިފަހައްޓާނެ. ނޫނީ އެ ކައުންސިލަކުން ކަމެއް ކުރިޔަކަ ނުދޭނެ،" ހަލީލް ވިދާޅުވި އެވެ.

ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައެއްކަން އަބަދުވެސް ވިސްނަންވާނެކަން ފާހަގަކުރައްވާ ޚަލީލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަބަދުވެސް އެކަން ތަކުރާރު ކުރައްވާ ކަމަށެވެ. އަދި އެއީ ސަރުކާރުގެ ފަށަލައަކަށް ނުވާނަމަ، އެކަމުގެ ގެއްލުން ދިވެހި ދައުލަތަށް ވަރަަށް ބޮޑަށް ކުރާކަމަށް ވެސް ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް އަޅުގަނޑު ކުޑަކުޑަ މިސާލެއް ދަންނަވާލާނަން. އައްޑޫ އަތޮޅަށް އަންނަން އޮތް ވަރަށް ބޮޑު ޕްރޮޖެކްޓެއް. އެ ޕްރޮޖެކްޓްގެ ބިން ހޯދުމަށްޓަކައި، ދިވެހި ސަރުކާރުން މަސައްކަތް ފެށި ހިސާބުން ފެށިގެން ކައުންސިލުން ހުރަސް އެޅީ" މިނިސްޓަރު ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އައްޑޫ ކައުންސިލުން، އެ މަޝްރޫއަށް ހުރަސް އެޅުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، އެ މަޝްރޫއުގެ ކަންކަން ގާނޫނޫ ބަދަލުކޮށްގެންކަމަށް ވިޔަސް ކުރިއަށް ގެންދަން ކަމަށެވެ. ހަލީލް ވިދާޅުވީ އެއީ ގޫގުލް ކުންފުނިން އައްޑޫގައި ކުރިއަށް ގެންދަން ނިންމި ބޮޑު މަޝްރޫއެއް ކަމަށެވެ.

މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ މީގެ ކުރިން ބާރުވެރިކަމެއް ނެތް ބައެއް ނަމަވެސް، މި ސަރުކާރުން އެ ކޮމިޓީތަކުގެ ރައީސާއިންނަކީ ފުލްޓައިމް މުސާރަ ލިބޭ ވަޒީފާއެއްގެ ގޮތުގައި ހަމަޖައްސަވައި، އަންހެނުން ބާރުވެރިކުރުވުމަށް އަމަލީ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އަދި ކުރީ ސަރުކާރުން އިންތިހާބާ ދިމާކޮށް "ކަނޑުފަޅުން" ގޯތި ދިން ނަމަވެސް، މި ސަރުކާރުން ދަނީ ފޭސް ތިނަކާއި ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކައި، ރައްޔިތުންނަށް ހަގީގީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންކަމަށް ހަލީލް ވިދާޅުވި އެވެ.