Last Updated: June 7, 13:49
Sunday, June 7, 2026
ކުޅިވަރު

ފަހު ވަގުތު ވުލްވްސް އިން ލިވަޕޫލް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އިން 2-1 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

މި މޮޅާއެކު ލީގުގެ ފުލުގައި ވުލްވްސް އޮތީ 30 މެޗުން ލިބުނު 16 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް އޮތީ 29 މެޗުން ލިބުނު 48 ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގަ އެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި މެޗުގެ 78 ވަނަ މިނެޓްގައި ވުލްވްސް އަށް ލީޑު ނަގައިދިނީ ރޮޑްރިގޯ ގޮމޭސް އެވެ. މިއީ ވުލްވްސް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ބޯޅަ ހިފައިގެން ލިވަޕޫލްގެ އޭރިއާ ތެރެއަށް ވަދެ ކީޕަރު ބޯމަތިން ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ފަސް މިނެޓް ފަހުން މުހައްމަދު ސަލާހު ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިންއިރު، މި މެޗުން ވުލްވްސް މޮޅުވި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު އަންދްރޭ އެވެ. ލިވަޕޫލްގެ އޭރިއާގެ ބޭރުގައި ހުރެ އަންދްރޭ ފޮނުވާލި މި ހަމަލާ ގޯލަށް ވަދެފައިވަނީ ލިވަޕޫލްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އިން ވަނީ 2-0 އިން ބާންލީ ބަލިކޮށްފަ އެވެ. އަދި ސަންޑަލޭންޑުން ވަނީ 1-0 އިން ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ.