Last Updated: June 5, 11:07
Friday, June 5, 2026
ކޮލަމް

މޮސާޑް؛ އެންމެ އަނިޔާވެރި ޖާސޫސީ އިދާރާ

އިޒުރޭލުގެ ޖާސޫސީ އިދާރާކަމުގައިވާ މޮސާޑަކީ ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އަދި އެންމެ އަނިޔާވެރި ޢަމަލުތައް ހިންގާ ޖާސޫސީ އިދާރާއެވެ. އިޒުރޭލުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ނަމުގައި، މުޅި ދުނިޔޭގައި މި ޖަމާޢަތުން ދަނީ ގިނަގުނަ ސިއްރު އޮޕަރޭޝަންތަކާއި ލާއިންސާނީ އަނިޔާވެރި ޖަރީމާތައް ހިންގަމުންނެވެ.

މޮސާޑު އުފެދުނީ 1949 ވަނަ އަހަރު ގައެވެ. އޭގެ ކުރިން ވެސް އެކި ނަންނަމުގައި އިޒުރޭލުގައި ޖާސޫސީ ސިއްރު މަސައްކަތްތައް ކުރަމުން އައެވެ. އިޒުރޭލުގެ ފުރަތަމަ ބޮޑުވަޒީރު ޑޭވިޑް ބެންގެ އިރުޝާދުގެ ދަށުން، ޖާސޫސީ މަސައްކަތްތައް ހިންގުމަށް ޓަކައި އުފެއްދި މޮސާޑަކީ މިއަދު ދުނިޔެއަށް އޮތް ވަރަށް ބޮޑު ބިރެކެވެ.

މޮސާޑުން މައިގަނޑު ގޮތެއްގައި ކުރާކަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖާސޫސީ މައުލޫމާތު އެއްކުރުމާއި ސިއްރު ޖަރީމާތައް ހިންގުމެވެ. މި ޖަމާޢަތުގެ މޫތައް މުޅި ދުނިޔެއަށް ވަނީ ފަތުރާފައެވެ. ދުނިޔޭގެ ބޮޑެތި ވިޔަފާރިތަކާއި ވިޔަފާރިވެރިންނާއި ސިޔާސީ ލީޑަރުންނާއި އިސް ޑިޕްލޮމެޓުންނާއި ދީނީ ޢިލްމުވެރިންނާއި އެކިއެކި ޖަމާޢަތްތަކާއި މަޝްހޫރު ފަންނާނުން ކޮންޓްރޯލްކުރާ ހަމައަށް މޮސާޑް ވަނީ ދަތުރުކޮށްފައެވެ.

އިޒުރޭލުގެ ޣައިރު ޤާނޫނީ ޢަމަލުތައް ކުށްވެރިކުރާ އަދި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ކޮންމެ ބަޔަކާ އަދި މީހަކާ މެދުވެސް އިޒުރޭލުން ދެކެނީ ދުޝްމަނެއްގެ ގޮތުގައެވެ. އެހެންވެ، ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށާއި ޤައުމު ތަކަށް އަމާޒުކޮށް ހަމަލާތައް އިޒުރޭލުން ދެއެވެ.

ސިއްރު އޮޕަރޭޝަންތައް ހިންގައި މީހުން މަރައި ނައްތާލައެވެ. އިޒުރޭލަށް ނުރައްކަލެއްކަމަށް ހީވާ ކޮންމެ މީހެއްގެ އަދަބަކީ މަރެވެ. މިގޮތުން ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި ތެދުވި ކޮންމެ ލީޑަރެއް ވެސް ވަނީ ޝަހީދުކޮށްލައިފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި މަސައްކަތްކުރި އެ ޤައުމުގެ ލީޑަރަކަށްފަހު ލީޑަރެއް ވަނީ ޝަހީދުކޮށްލައިފައެވެ. އައްސައްޔިދު ޔާސިރު އަރަފާތާއި އައްޝައިޚު އަޙްމަދު ޔާސީނާއި އިސްމާޢީލް ހަނިއްޔާއާއި ޔަހުޔާ ސިންވާރުފަދަ އެތައް ބޭފުޅުންނެއް މި ލިސްޓުގައި ހިމެނެއެވެ.

ދުނިޔޭގެ ލީޑަރުންގެ ތެރެއިން ބައެއް ލީޑަރުންގެ މަރުގެ ތުހުމަތު ވެސް މޮސާޑަށް ވަނީ ކުރެވިފައެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ކުރީގެ ރައީސް ޒިޔާއުލްޙައްޤާއި އިރާނުގެ ރައީސް ރިޔާސީ އަވަހާރަކޮށްލުން ފާހަގަވެއެވެ. މި ލިސްޓަށް އެންމެފަހުން އިތުރުވެގެން ދިޔައީ އިރާނުގެ ރޫޙީ ލީޑަރ އައްސައްޔިދު ޢަލީ ޙާމަނާޢީއެވެ. ފަހަކަށް އައިސް މޮސާޑުގެ ކަޅި އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައި ހުރީ އީރާނަށެވެ. އީރާނުގެ އެތައް ސައިންސިސްޓުންނެއް މޮސާޑުން ވަނީ މަރާފައެވެ. އަދި ސިޔާސީ އެތައް ލީޑަރުންނެއް ވަނީ އަވަހާރަކޮށްލާފައެވެ.

އިޒުރޭލާއި ޒަޔަނިސްޓުންނަށް ބޯނުލަނބާ ކޮންމެ މީހަކާއި ކޮންމެ ބަޔަކާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް އިޒުރޭލުން ހިންގާއިރު އެ ހަމަލާތައް ރާވައި ހިންގަނީ މޮސާޑުންނެވެ. ޢަރަބި އިސްލާމީ ޤައުމުތަކާއި ޖަމާޢަތްތަކަކީ އަސްކަރީ އެއްވެސް ބާރެއްނެތް އިޒުރޭލަށް ތަބާވާ ބަޔަކަށް ހެދުމަށާއި އިޒުރޭލުން ކޮންމެފަދަ ޖަރީމާއެއް ހިންގިއަސް އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ގޮންޖެހިއަސް ދުނިޔޭގެ ބޮޑެތި ބާރުތަކުން އަބަދުވެސް އިޒުރޭލު ދިފާޢުކުރުންމަތީ ބޭތިއްބުމަށް މޮސާޑުން ޤައުމުތަކުގެ ވެރިން ބުލެކްމައިލްކުރެއެވެ. މިކަން ދާދިފަހުން ހާމަވެގެންދިޔަ އެޕްސްޓެއިން ފައިލްތަކުން ވެސް ކަށަވަރުވިއެވެ.

އިޒުރޭލުގެ މަސްލަހަތު ކުރިއެރުވުމަށް ދުނިޔޭގެ ވަރުގަދަ ސިޔާސީ ލީޑަރުންނާއި ބޮޑެތި ވިޔަފާރިވެރިން ބުލެކްމެއިލްކޮށް، އަނިޔާވެރި ޢަމަލުތައް ވަނީ ހިންގާފައެވެ. މޮސާޑުގެ އެޖެންޓެއް ކަމަށް ގަބޫލުކުރެވޭ އެޕްސްޓެއިން ވަނީ ކުޑަކުދީން ޓްރެފިކިން ކޮށްގެން ސިޔާސީ ލީޑަރުންނަށާއި މުއްސަނދި މަހުޖަނުންނަށް އެ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ފުރުސަތުދީ ވީޑިއޯކޮށް ހެދުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ. މޮސާޑަކީ ސައިބަރ ހަމަލާތައް ދިނުމާއި، ޕްރޮޕެގެންޑާ ފެތުރުމުގައި ވެސް އަރާތިބި ބައެކެވެ.

މޮސާޑުން ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމެއް ނެތި، އިޒުރޭލުން އެހެން ޤައުމުތަކުގެ ސިޔާދަތަށް އަރައިގަނެ ހިންގާގައިވާ ގިނަގުނަ ޖަރީމާތަކެވެ. މިގޮތުން ސިޔާސީ އެތައްއެތައް ލީޑަރުންނެއް އަވަހާރަކޮށްފައި ވަނީ މޮސާޑުން ކަމުގައި ތުޚުމަތު ކުރެވެއެވެ.

މޮސާޑުން ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ތިއްބެވި ފަލަސްތީނުގެ ގިނަ އަދަދެއްގެ ލީޑަރުންނާއި ފަލަސްތީނުގައި ތިބި އެތައް ލީޑަރުންނެއް އަވަހާރަކޮށްލާފައެވެ. މޮސާޑުން ވަނީ އެކި ޤައުމުތަކުގައި ބޮން ގޮއްވުމާއި، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ނުރައްކާތެރި އޮޕަރޭޝަންތައް ހިންގައި އެތައް ޖަރީމާތަކެއް ހިންގާފައެވެ.

ފަހަކަށް އައިސް މޮސާޑުގެ އެންމެ ބޮޑު އަމާޒަކަށް ހަދާފައިވަނީ އީރާނެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށްޓަކައި މޮސާޑުން ވަނީ އީރާނުގެ ސަލާމަތީ ނިޒާމުތައް ފޫއަޅުވާލުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. ދުރާލައި ރާވައިގެން މޮސާޑުން ހިންގި އަނިޔާވެރި އޮޕަރޭޝަންތަކުގައި ވަނީ އީރާނުގެ ވަރަށް ގިނަ ސައިންސްވެރިންތަކެއް އަވަހާރަކޮށްލާފައެވެ. މިގޮތުން އީރާނުގެ އެންމެ އިސް ނިއުކްލިއާ ސައިންސްވެރިންގެ ތެރެއިން މުހްސިން ފަޚްރީޒާދާފަދަ އެތައް ބޭފުޅުންނެއް އީރާނުގެ ފަސްގަނޑުގައި ތިއްބަވަނިކޮށް މޮސާޑުން ވަނީ ވަރަށް ރޭވުންތެރިކަމާއެކު އަވަހާރަކޮށްލާފަ އެވެ.

އީރާނުން ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމު ހުއްޓުވުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް ކަމަކީ އެޖެންޓުން ބޭނުންކޮށްގެން އީރާނުގެ ނިއުކްލިއާ އަރުޝީފު ވަގަށް ނެގުމެވެ. ދެހާސް އަށާރައިފައި އީރާނުގެ ތެހެރާނުގައި ހުރި ސިއްރު ގުދަނަކުން، އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އެތައް ހާސް ލިޔެކިޔުންތަކެއް މޮސާޑުގެ އެޖެންޓުން ވަނީ ވަގަށް ނަގައިގެން އިޒުރޭލަށް ގެންގޮސްފަ އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ނައްތާލުމަށް ސައިބަ ހަމަލާތަކެއް ވެސް މޮސާޑުން ވަނީ ދީފައެވެ. 'ސްޓަކްސްނެޓް' (Stuxnet) ފަދަ ނުރައްކާތެރި ވައިރަސްތައް ބޭނުންކޮށްގެން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކުގެ މެޝިނަރީތަކަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ. އެތައް ހަމަލާތަކެއްދީ، އަދި ގިނަ އަދަދެއްގެ ސައިންވެރިން ޝަހީދުކޮށްލައިފައި ވިޔަސް މޮސާޑަށް މިއިން އެއްވެސް ކަމެއްގައި އެ މީހުން ބޭނުންވި މިންވަރަށް ނަތީޖާ ނެރެވިފައެއް ނުވެ އެވެ. އީރާނުން ނިއުކްލިއާ އުފައްދަން ކުރާ މަސައްކަތް ހުއްޓުވިފައެއް ނުވެ އެވެ.

ނޯޓް: މިއީ އަބްދުﷲ ސަޢީދުގެ ލިޔުއްވުމެކެވެ.